ދެކުނުގެ އަތޮޅުތަކުގައި މިފްކޯގެ ބޯޓުތަކަށް މަސް ކިރާ އަދަދު މިފްކޯއިން ލިމިޓްކޮށްފި އެވެ.
އެޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން ދެކުނުގެ އަތޮޅު ތަކުގައި މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައި ވާއިރު، މިފްކޯ އިން އިއްޔެ ނެރުނު މެމޯ އެއްގައި ބުނެފައިވާ ގޮތުން މިއަދު ކޮންމެ ދޯންޏަކުން ވެސް ގިނަވެގެން މިފްކޯގެ ބޯޓުތަކަށް ކިރާނީ 2.5 މެޓްރިކް ޓަނުގެ މަހެވެ.
މިފްކޯގެ ސީއީއޯ ފޮނުވާފައިވާ މެމޯގައި ބުނެފައި ވަނީ، މިގޮތަށް ނިންމާފައި މިވަނީ މިފްކޯއަށް މަސްލިބެމުންދާ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާތީ، ދިމާވާ ދަތިތައް ހައްލުކޮށް މަސްގަތުމުގެ އޮޕަރޭޝަން މެނޭޖް ކުރުމަށްޓަކައި ކަމަށެވެ.
" މިފްކޯއަށް މަސްލިބެމުންދާ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާތީ، ދިމާވާ ދަތިތައް ހައްލުކޮށް މަސްގަތުމުގެ އޮޕަރޭޝަން މެނޭޖް ކުރުމަށްޓަކައި 27 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހު މިފްކޯއަށް މަސްކިރުވާ ކޮންމެ ދޯންޏަކަށް ގަނެވޭނީ 2.5 މެޓްރިކް ޓަނުގެ މަސްކަމުގައި ހަމަޖައްސައިފީމެވެ." މިފްކޯގެ މެމޯގައި ވެއެވެ.
އައްޑޫލައިވް އާއި ވާހަކަ ދެއްކި އައްޑޫގެ މަސްވެރިޔަކު ބުނި ގޮތުގައި މިއީ އަލަށް ދިމާވި ކަމެއް ނޫން ކަމަށާއި މިއީ މިފްކޯގެ ހާލަތު ކަމަށެވެ.
"މަސްވެރިކަން ރަނގަޅުވެއްޖެ ނަމަ މިޖެހެނީ މަސްކިރާނެ ގޮތެއް ނެތިގެން އުޅެން. މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މިފްކޯއަށް އިންތިޒާމްތަކެއް ހަމަޖެއްސެން އެބަޖެހޭ. އައްޑޫ އިން މަސް ބާނައިގެން ދެން މިޖެހެނީ ކޫއްޑޫއަށް ދާން. މިއީތޯ މަސްވެރިންނަށް ހަމަޖައްސައިދޭ ފަހިގޮތަކީ؟"، މަރަދޫގެ މަސްވެރިޔަކު ބުންޏެވެ.
އައްޑޫގެ މަސްވެރިން ބުނާ ގޮތުގައި މިފްކޯގެ މައްސަލަތައް އެމީހުން ފިޝަރީޒް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށާއި، އެހެން ނަމަވެސް އެކަމަށް ހައްލެއް ހޯދިފައި ނުވާ ކަަމަށެވެ.