ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލް ކޮށްފިއެވެ.
ގާސިމްގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ މިއަދު ހެނދުނު 11 އަށެވެ. ގާސިމް އާއި ދެކޮޅަށް ދައުލަތުން ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތުދޭން އުޅުނު ކަމުގެ ދައުވާއާއި، 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއާއި ގާނޫނުލް އުގޫބާތު 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން އުޅުނު މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ދައުވާއެވެ. ގާސިމުވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.
ގާސިމްގެ ޝަރީއަތުގެ އެންމެ ފަހުގެ އަޑުއެހުމެއް ބާއްވާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
ގާސިމްގެ ގާނޫނީ ޓީމުން ވަނީ އެމަނިކުފާން ފްރޭމް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށް އެ މައްސަލަތައް ބަލައި ދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.