މާލޭން ފުރައިގެން ރ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ "ޕްރިންސެސް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްގެން ހިނގި ހާދިސާއެއްގައި ދެ ބިދޭސީއަކު މަރުވެއްޖެ އެވެ.
މި ހާދިސާގައި މަރުވެފައި ވަނީ އިންޑިއާގެ ދެ މީހުންނެވެ.
އެމްއެންޑީއެފުން ބުނީ "ޕްރިންސެސް" ދޯނި ކ.ހިންމިޔަ ކައިރިއަށް އަޑިއަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 4:50 ހާއިރު ކަމަށާއި މައުލޫމާތު ލިބުމާއި ގުޅިގެން ދޯނި އޮތް ސަރަހައްދަށް ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" އާއި ކޯސްޓްގާޑް ހާރބާރ ކްރާފްޓް ވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށިކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ އަޑިއަށް ދިޔަ ދޯނީގައި 2000 ބަސްތާ ސިމެންތި ހުރިކަމަށެވެ. މި ދޯނި އަޑިއަށްދިޔައިރު ދޯނީގައި 11 ފަޅުވެރިން ތިއްބެވެ. އޭގެތެރޭގައި ދެ ދިވެހިންނާއި ނުވަ ބިދޭސީން ހިމެނެއެވެ.
މަރުވި ދެމީހުން ފިޔަވައި ދެންތިބި މީހުންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.