ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާއެރްއެޗް) ގެ ޖެނެރަލް އޯޕީޑީ މެދުކަނޑާލައިފި އެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާންމު ބަލިތަކުގެ އޯޕީޑީ މެދުކަނޑާލާފައި ވާއިރު މިއަދު ހޮސްޕިޓަލުގައި މަސައްކަތް ކުރަނީ އެންމެ މެޑިކަލް އޮފިސަރެކެވެ. އޭނާ މަސައްކަތް ކުރަނީ އިމަޖެންސީ ރޫމްގައެވެ.
އާންމު ބަލިތަކުގެ އޯޕީޑީ ހުއްޓާލާފައިވި ނަމަވެސް ސްޕެޝަލިސްޓުންގެ އޯޕީޑީތައް ކުރިއަށް އެބަދެއެވެ.
ހިތަދޫ ހޮސްޕިޓަލުގައި މިވަގުތު ތިބީ އެންމެ 5 މެޑިކަލް އޮފިސަރުންނެވެ. އޭގެ ތެރެއިން 1 މެޑިކަލް އޮފިސަރު ހުރީ ސަލާމުގައެވެ. އަނެއް 2 މެޑިކަލް އޮފިސަރުންގެ ޑިއުޓީ އޮތީ މިއަދު ހަވީރުއެވެ. ދެން ހުރި މެޑިކަލް އޮފިސަރުގެ ޑިއުޓީ އޮތީ މިރޭ ދަންވަރުއެވެ. މިވަގުތު ހޮސްޕިޓަލުގެ ޑިއުޓީގައި ހުރި ހަމައެކަނި މެޑިކަލް އޮފިސަރ އެމަޖެންސީ ރޫމްގައި މަސައްކަތް ކުރަމުން ގެންދާއިރު ޑޮކްޓަރަށް ދައްކަން ދިޔަ މީހުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ހިތަދޫ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގައި ޓްރައޭޖެއް ވެސް ގާއިމްކޮށްފައި ނުވުމުގެ ސަބަބުން އޯޕީޑީގައި އާންމު ބަލިތަކުގެ ޑޮކްޓަރެއް ނުހުންނަ ވަގުތު ތަކުގައި އެމަޖެންސީ ރޫމަށް ވަރަށް ބާރު ބޮޑުވެއެވެ.