Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ގާސިމްގެ ޝަރީއަތް: ދައުލަތުގެ ހެއްކަކީ ސީޑީއެއް!

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތުގައި އެމަނިކުފާނާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ސީޑީ އެއް ހުށަހަޅައިފިއެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ، ގާސިމާއި ދެކޮޅަށް ދައުލަތުން ހެކީގެ ގޮތުން ހުށައަޅާފައިވަނީ ހަމައެކަނި އެ ސީޑީ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސީޑީގައި ހުރީ ގާސިމް އިބްރާހިމް މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ރެކޯޑިން އެކެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ތިން ދައުވާ އުފުލާފައިވާއިރު މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައ ގާސިމްގެ ފަރާތުން ޖަވާބުދާރީ ވެފައި ވަނީ ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އުފުލާފައިވާ ދައުވާ އަށެވެ.އެ ދައުވާ އަށް ގާސިމް ވަނީ އިންކާރުކުރައްވާފައެވެ.

ގާސިމްގެ މައްޗަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތު ކުރާއިރު ރިޝްވަތު ހުށައެޅީ ކާކަށް ކަން ދައުލަތުން ސާބިތު ކޮށްދޭން ޖެހޭނެ ކަން ޝަރީޢަތުގައި ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަލްއުސްތާޛާ ހިސާން ހުސައިން ވަނީ ފާހަގަކުރައްވާފައެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުލްސަލާމް އަބޫބަކުރު ވިދާޅުވީ ގާސިމް ދައްކާފައިވާ ވާހަކަތަކުގެ ތެރެއިން ތަންކޮޅެއް ނެގުމަށް ފަހު އެވާހަކަ އެކަނި ފާހަގަ ކުރަން ނުވާނެ ކަން ފާހަގަކުރައްވާފައެވެ. އެގޮތުން ގާސިމް ރިޝްވަރު ހުށަހެޅި ކަމަށް ބުނާ އިބާރާތުގެ ކުރިން ދައްކާފައިވާ ވާހަކަ ތަކާއި އެ އިބާރާތުގެ ފަހުން ދައްކާފައިވާ ވާހަކަތަކަށް ވެސް ބަލަން ޖެހޭނެ ކަމަށްވެސް ނޫރު ވިދާޅުވިއެވެ.

ގާސިމް ހިންގެވީ ސިޔާސީ ހަރަކާތެއް ކަމަށާއި އެއީ ގާނޫނު އަސާސީން ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް ގާސިމުގެ ވަކީލުން ބުނެފައިވެއެވެ. އެހެންކަމުން ގާސިމުގެ މައްޗަށް ދައުވާ ކުރަން ޖެހޭނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ އިންތިހާބުތަކާ ބެހޭ ގާނޫނުތަކާ ހިލާފު އަމަލެއް ހިންގާފައިވާ ނަމަ ކަމަށް ވެސް ގާނޫނީ ވަކީލުން ފާހަގަކޮށްފައިވެއެވެ.

ރިޝްވަތު ދޭން އުޅުނު ކަމާމެދު ގާސިމްގެ ގާނޫނީ ވަކީލުން ގިނަ ކަންތައް ތަކެއް ފާހަގަ ކުރައްވާފައިވާއިރު އެ ކަންތައްތަކާމެދު ޖަވާބުދާރީ ވުމަށްޓަކައި ދައުލަތުން ވަނީ ވަގުތު ދިނުމަށް އެދިފައެވެ.

އަންނަ ހަފްތާގައި އިތުރު އަޑުއެހުމެއް ތާވަލް ކުރާނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.