ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.
އަލީ ހުސައިން ފުލުހަށް ހާޒިރުވުމަށް އަންގާފައި ވާއިރު އެބޭފުޅާ މިވަގުތު ހުންނެވީ މާލެ އިން ބޭރުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އަދި ސިޔާސީ ޕޯޑިއަމްތަކުގައި ވެސް ފާޅުކަން ބޮޑު ގޮތެއްގައި އަލީ ހުސައިން ގެންދަވަނީ ޝަރުޢީ ދާއިރާ އަށާއި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
އެހެން ނޫހަކަށް ދިން އިންޓަވިއު އެއްގައި އަލީ ހުސައިން ވިދާޅުވެފައިވާ ގޮތުން ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.