Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

އިސްލާމް ދީނަށް ފުރައްސާރަ ކުރެވިގެން ނުވާނެ: ރައީސް

ޕީޕީއެމްގެ ހަފްލާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.

ދިވެހި ރާއްޖޭގައި އިސްލާމް ދީނަށް އެއްވެސް ހާލަތެއްގައި ފުރައްސާރަ ކުރެވިގެން ނުވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ މިނިވަންކަމާ ބެހޭގޮތުން ވާހަކަ ދައްކަމުންގޮސް މާތް ﷲ ގެ އެއްކައުވަންތަ ކަމާއި މެދު ސުވާލުއުފައްދާ ހިސާބަށް ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މީހުންގެ ވާހަކަ ދެއްކުމަށް ހުރަސްއެޅުނީތޯ މިނިވަންކަމާ ބެހޭ ވާހަކަ ދައްކަމުން ގޮސް ﷲގެ އެއްކައުވަންތަކަމާ ދޭތެރޭގައި ސުވާލު އުފައްދާ ހިސާބަށް ދިޔައީމަ. އެއީ، މިނިވަންކަމަށް ހުރަސްއެޅުނީތޯ؟ އަޅުގަނޑުމެން ނުޖެހޭ އެކަންކަން ގަބޫލުކުރަން،"

ސޯޝަލް މީޑިޔާ ނުވަތަ އެހެންވެސް ތަނެއްގައި އިސްލާމް ދީނަށް ފުރައްސާރަކޮށް އެއްވެސް ވަރަކަށް ބަލައިނުގަނެވޭނެ ކަމަށާއި އެއީ ޑިމޮކްރެސީ ހަނިކުރުމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިސާލު ޖައްސަވަމުން ރައީސް ވަނީ ޖަރުމަނުވިލާތް މިސާލަކަށް ނަންގަވާފައެވެ.

ޖަރުމަނުވިލާތުގައި ސޯޝަލް މީޑިޔާގައި އާންމު ކުރާ ޚިޔާލުތަކާއި ލިޔުންތަކުގެ ސަބުން ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތައް ދެއްކުމަށް ކޯޓުތަކުން ހުކުމްކޮށްފައިވާކަން ރައީސް ޔާމީން ވަނީ ފާހަގަކޮށް އަލިއަޅުވާލާފައެވެ. އެހެންކަމުން ޑިމޮކްރެސީ ނެތިގެން މިއުޅެނީ ރާއްޖޭގައި އެކަނިތޯ ރައީސް ވަނީ ސުވާލު އުފައްދާފައެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ މިސަރުކާރު ކަމުނުގޮސްގެން އުޅެނީ އެއްވެސް މީހަކަށް ނުބަލައި ކުށްކުރުމުން އަދަބު ދޭތީ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ހުރިހާ ރައްޔިތުންނަށްވެސް ތަފާތުކުރުމެއްނެތި އިންސާފު ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.