Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ކޮރަޕްޝަން އިދިކޮޅު ފަރާތްތަކަށް ހާމަކޮށް ނުދެވޭ: ރައީސް

photo: PrecidencyMV

ދިވެހި ސަރުކާރަކީ ކޮރަޕްޓު ސަރުކާރެއް ކަމަށް އިދިކޮޅު ފަރާތްތަކުން ހަރުއަޑުން ގޮވަމުންދިޔަ ނަމަވެސް ކޮރަޕްޝަން އޮތީ ކޮން ވުޒާރާއެއްގެ ކޮން ތަނެއްގައި ކަމެއް އިދިކޮޅު ފަރާތްތަކަށް ބުނެނުދެވޭ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް މިހާރުވެސް ބަލަމުންދާ ކަމަށާއި ދައުލަތުގެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ވެސް ކުރަން ޖެހިފައިވަނީ އެމަނިކުފާނު ކަމަށެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް އަބަދުވެސް ބިނާ ވެފައިވަނީ ސަރުކާރުގެ ތެރޭގައި ކޮންމެވެސް މައްސަލައެއް އުޅޭ ކަމުގެ މައްޗަށް ކަމަށާއި ދުވަހަކުވެސް އެއީ ކޮން މައްސަލައެއް ކަމަށް އެފަރާތްތަކަށް ބުނެނުދެވޭ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ކޮންމެ ސަރުކާރެއް ވެރިކަމާއި ހަވާލުވިޔަސް މައްސަލަތައް ދިމާވާނެ ކަމަށާއި ނަމަވެސް އެއްބަޔަކާއި އަނެއް ބަޔަކު ތަފާތުކުރާނެ ގޮތަކީ މައްސަލަ ހައްލުކޮށްގެން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.