އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަދި ޔުނައިޓެޑު ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ދެޓީމަށްވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
ދެޓީމުވެސް ގަދަ 4 ގައި ސީޒަން ނިންމާލުމަށް ފޫގަޅާފައިވާއިރު ރޭގެ މެޗުން މޮޅުވިނަމަ އެ އަމާޒަށް ވާސިލުވުމަށް ބޮޑު އެހީއެއް ލިބިގެންދާނެއެވެ.
ނަމަވެސް ސިޓީއަށް ފުލުފުލުގައި އުފެއްދި ހަމަލާތަކުން ގޯލު ތެރެއަށް ބޯޅަ ފޮނުވާނުލެވުނެވެ. ރޭގެ މެޗުގައި ޔުނައިޓެޑުގެ މުހިއްމު ގިނަ ކުޅުންތެރިޔަކު އަނިޔާގެ ސަބަބުން މެޗުގައި ކުޅެފައިނުވާއިރު މެދުތެރެއިން ޕޮގްބާ ނެތުމުން ޔުނައިޓެޑަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
ފައުލް ގިނަ މެޗަކަށް ރޭގެ މެޗުވެސް ވެގެންގޮސްފައިވާއިރު މެޗު ނިމެން ކައިރިވެފައިވަނިކޮށް ޔުނައިޓެޑުގެ މިޑްފީލްޑަރ ފެލައިނީއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ. ސިޓީގެ އަގުއޭރޯއަށް ކުރި ފައުލަކާއި ގުޅިގެން ރީނދޫ ކާޑެއް ދައްކާފައިވަނިކޮށް ފެލައިނީ ވަނީ 10 ސިކުންތުފަހުން އަނެއްކާވެސް އަގުއޭރޯއަށް ފައުލް ކުރުމަށްފަހު އޭނާގެ ބޮލުގައި ބޮލުން ޖަހާފައެވެ. ރެފްރީ މިއަމަލަށް އިތުރު ރީނދޫ ކާޑެއް ނުދައްކައި ވަގުތުން ރަތް ކާޑު ދައްކާފައެވެ.
މެޗަށް ފަހު މޮރީނިއޯ ބުނެފައިވަނީ އޭނާގެ ޓީމު ކުޅުނު ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. ނަމަވެސް ފޮސޫ މެންސަހް މެޗުގެ އެންމެ ފަހު ވަގުތު ލިބުނު އަނިޔާއަކާއި ގުޅިގެން ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް މޮރީނިއޯ ބުނެފައިވެއެވެ.
ގާޑިއޯލާ މެޗަށްފަހު ބުނެފައިވަނީ އޭނާގެ ޓީމު ދެއްކި ކުޅުމަށް ރޭގެ މެޗުން ތިން ޕޮއިންޓު ލިބެން ޖެހޭ ކަމަށާއި ނުލިބުމުން ދެރަވާ ކަމަށެވެ.