ރައްޔިތުން ދެކެ ލޯބިވާ ރައީސުންނަކީ ރައްޔިތުންގެ ކައިރިއަށް ވަޑައިގަންނަވާ ރައީސުން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިގޮތަށް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން މިލަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލާ މަރުކަޒީ ނިޒާމެއް ރާއްޖެއަށް ގެންނެވީ ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ރައްޔިތުންގެ އަޑު އެއްސެވުމަށް ފަހުގައި ކަމަށެވެ.
"ރައީސް ނަޝީދަކީ އެންމެ ގިނައިން ރަށްރަށް ވަޑައިގެންވި އަދި އައްޑޫއަށް ވެސް އެންމެގިނައިން ވަޑައިގެންނެވި ރައީސް. އެއީ ރައްޔިތުން ދެކެ ލޯބިވާ ރައީސުންނަކީ. ރައްޔިތުންގެ ކައިރިއަށް ވަޑައިގަންނަވާ ރައީސުންނަކީ ރައްޔިތުންދެކެ ލޯބިވާ ރައީސުންނަކީ."
ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ރައީސް ޔާމީން އައްޑޫ އަށް ވަޑައިގެންފައި ވަނީ ވަރަށް މަދުން ފަހަރެއްގައި ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އައްޑޫއަށް އެންމެ ގިނައިން ވަޑައިގެންނެވި ރައީސް ކަމަށެވެ.
ރައްޔިތުން ދެކެ ލޯބިވާ ރައީސުން ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެ ކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ބޭނުމަކީ ރައްޔިތުންނާ ކައިރިން ވެރިކަން ކުރުން ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމިނަކީ ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.