Last Updated: June 11, 21:26
Thursday, June 11, 2026
ސިޔާސީ

"ދި އައިލެންޑް ޕްރެޒިޑެންޓް" އަބޫދާބީ އަށް ވަޑައިގަތުމަށް ދައުވަތެއް!

އަބޫދާބީ ޑޮކިއުމެންޓަރީ ފިލްމް ކްލަބް ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ކަލްޗަރަލް ސީޒަން އޯޕަނިން ފިލްމެއްގެ ގޮތުގައި “ދި އައިލެންޑް ޕްރެޒިޑެންޓް” ސްކްރީން ކުރުމަށް ނިންމައި އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ޝެއިޚް ނަޙްޔާން މުބާރަކް އަލް ނަޙްޔާން ގެ ޕްރައިވެޓް އޮފީހުންނާއި އަނާސީ މީޑިޔާ ޕްރޮޑަކްޝަންސްގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުވަތު އަރުވައިފަ އެވެ.

އަބޫދާބީ ޑޮކިއުމެންޓްރީ ފިލްމް ކްލަބަކީ އަނާސީ މީޑިޔާ ޕްރޮޑަކްޝަންސް އާއި ޒައިދު ޔުނިވަސިޓީ އެލުމްނާއި އަދި ޔުއޭއީގެ މިނިސްޓްރީ އޮފް ކަލްޗަ، ޔޫތް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ގުޅިގެން އުފައްދާފައިވާ ޕާޓްނާޝިޕެކެވެ.
މި ހަފްލާގައި ތިމާވެށީގެ ދާއިރާގައި ރައީސް ނަޝީދު ކުރައްވާފައިވާ މަސައްކަތްޕުޅުތަކާ ގުޅޭ ގޮތުން ވާހަކަ ދެެއްކެވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މި އަހަރުގެ ކަލްޗަރަލް ސީޒަންގެ އޯޕަނިން ގައި "ދި އައިލެންޑް ޕްރެޒިޑެންޓް" ދައްކަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގަ އެވެ.

މި ޑޮކިއުމަންޓްރީ މިމަހުގެ 8 ވަނަ ދުވަހު ރާއްޖެ ޓީވީން ވެސް ވަނީ ދައްކާފަ އެވެ.

އެހެން ނަމަވެސް އަބޫދާބީގައި އޮންނަ ރަސްމިއްޔާތަށް ނަޝީދަށް ވަޑައިގެންނެވޭނެ ކަމާ ދޭތެރޭ ވަނީ ސުވާލު އުފެދިފަ އެވެ. ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް ހާޒިރުވާން އެންގުމުން އޭނާ ވަނީ މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނަށް ވަޑައިގެން މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދިރިއުޅުއްވަން ފައްޓަވައިފަ އެވެ.

ނަޝީދު ބަންދުގައި ބަހައްޓައިގެން މިއަދު ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންނަށް ވަނީ އަމުރުކޮށްފަ އެވެ.