މި ޒަމާނުގެ ކުޑަކުދިންގެ ވިސްނުމާއި، އުޅުން އަދި މުއާސަލާތު ކުރާގޮތް މިވަނީ އެކުދިންގެ ވަށައިގެންވާ ޓެކްނޮލޮޖީގެ ސަބަބުން ބަދަލުވެފަ އެވެ.
އެ ކުދިންގެ ބަދަލުވެފައިވާ މިޒާޖަކީ އެފަދަ ޓެކްނޮލޮޖީތަކާއި ނުލައި ބޮޑުވި މައިންބަފައިންނަށް ކުރިމަތިލާން ޖެހޭ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
މައިންބަފައިންނަށް ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. އެގޮތުން އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައިންބަފައިން ބޮޑުވި ގޮތާއި މުޅިން ތަފާތު ގޮތަކަށް މިޒަމާނުގެ ކުދިން ބަލާ ބޮޑު ކުރަން ޖެހޭ ކަމެވެ.
އެމީހެއްގެ ދަރިއަކީ ދިރިއުޅުމުގައި ކާމިޔާބުވާނެ ކުއްޖެއްތޯ އާއި ރަނގަޅު މީހަކަށް ވާނެތޯއާއި އަދި އުފާވެރި ދިރިއުޅުމެއް އެކުދިންނަށް ލިބޭނެތޯއާއި މެދު މައިންބަފައިން ވަރަށް ބޮޑަށް ވިސްނައެވެ.
ހާވާޑް ޔުނިވާސިޓީގެ ސައިކޮލިޖިސްޓުން ވަނީ އަދުގެ ދުނިޔޭގައި ކާމިޔާބު އަދި ރަނގަޅު ކުއްޖަކަށް ދަރިފުޅު ހެދޭނެ ގޮތްތަކުގެ ލިސްޓެއް އެކުލަވާލާފައެވެ.
1. ކުދިންނާއި އެކު ކޮލިޓީ ވަގުތު ހޭދަކުރުން
އަބަދުވެސް ދަރިފުޅާއި އެކު ވަގުތު ހޭދަކުރެވޭތޯ މަސައްކަތް ކުރާށެވެ. އެކުދިންގެ ކައިރީގައި ހުރުމުގެ އިތުރުން ނަފްސާނީ ގޮތުންވެސް އެކުދިންނާއި އެކު ވާން ވާނެއެވެ. ދަރިފުޅު ބުނާ ވާހަތަކއް އަޑުއެހުމަކީ ދަރިފުޅާއިއެކު ރަނގަޅު ގުޅުމެއް އުފައްދައިދޭ ކަމެކެވެ. މީގެ އިތުރުން ދަރިފުޅާއި އެކު ހޭދަ ކުރާ ވަގުތުކޮޅުގައި ފޯނާއި ލެޕްޓޮޕްފަދަ އިލެކްޓްރޯނިކްސްތައް އޮފް ކޮށްލާފައި ބަހައްޓާށެވެ. އަދި ތިމާގެ ފުރިހަމަ ސަމާލުކަން ދަރިފުޅަށް ދޭށެވެ. ދަރިފުޅާއި އެކު ކަންތައްތައް ކުރުމުން އެކުއްޖާއަށް މީހުންނަށް އަޅާލަން ދަސްވާނެ އެވެ. މީހުންގެ އިހުސާސްތަކާއިމެދު ވިސްނާ މީހުންނަށް ކަމޭހިތާ ކުއްޖަކަށް ވާން ދަސްވާނެ އެވެ.
ދަރިފުޅާއި އެކު ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ދަރިފުޅު އެންމެ ގަޔާވާ ގޭމް ގުޅުން، ދަރިފުޅަށް ވާހަކައެއް ކިޔައިދިނުން ނުވަތަ ދަރިފުޅުގެ ދުވަސް ކުރިއަށްދިޔަ ގޮތާއި ބެހޭގޮތުން ސުވާލުކުރުން ހިމެނެ އެވެ.
2. ދަރިފުޅަށް ނަމޫނާއަކަށް ވުން
ކުޑަކުދިން ކަންތައްތައް ދަސްކޮށް ދެނެގަންނާނީ އެކުދިންނަށް ފެނި ތަޖުރިބާ ކުރެވޭ ކަންތައްތަކުންނެވެ. މައިންބަފައިންގެ އުޅުން ކުދިންނަށް އެނގި ދެނެގަނެވެނީ ކިހާ މިންވަރަކަށްކަން ގިނަ މީހުންނަކަށް ނޭނގެއެވެ. އެހެންކަމުން، އަބަދުވެސް ތިމާ އުޅޭ ގޮތާއި ދައްކާ ވާހަކައާއި ބެހޭގޮތުން ސަމާލުވާން ވާނެއެވެ. ކުށެއް ކުރެވިއްޖެނަމަ، އެކަން ޤަބޫލުކޮށް މަޢާފަށް އެދެންވާނެ އެވެ. ދަރިފުޅަށް ހުރި ފުރިހަމަ ނަމޫނާއަކަށް ވާށެވެ.
މުހިންމު އަނެއް ކަމަކީ އިޙްތިރާމެވެ. އެއީ އަބަދުވެސް މަސައްކަތުން ހޯދަންޖެހޭ އެއްޗެކެވެ. އެހެންކަމުން އަބަދުވެސް ތެދުވެރިވާން ވާނެއެވެ. ތިމާއަކީ އިންސާނެއްކަން ދަނެ، އިންސާނުންނަށް ކުށް ކުރެވޭނެކަން ދަންނަން ވާނެއެވެ. އަބަދުވެސް ކޮންމެ ކަމަކީވެސް ލިބޭ ފިލާވަޅެއްގެ ގޮތުގައި ދެކެން ވާނެ އެވެ. ކުރެވޭ ކޮންމެ ކުށަކީ އިތުރަށް ރަނގަޅު މީހަކަށް ވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލަންވާނެ އެވެ. މިކަންތައްތައް ދަރިފުޅަށްވެސް އުނގަންނައި ދޭށެވެ.
ކުރެވިދާނެ ކަންތައްތައް:
– ކުރެވޭ ކުށް ޤަބޫލުކޮށް އަބަދުވެސް މަޢާފަށް އެދުން
– މައްސަލަތަކާއި ބެހޭގޮތުން ވާހަކަދައްކައި ޙައްލު ހޯދުމަށް މަސައްކަތް ކުރުން
– އަމިއްލަ ނަފްސު ބެލެހެއްޓުމަށް ވަގުތު ހޯދާށެވެ. ފުރަތަމަ އަމިއްލަ ނަފްސު ބަލަހައްޓައިގެން ނޫނީ އެހެން މީހެއް ނުބެލެހެއްޓޭނެ އެވެ.
3. މުހިންމު ފިލާވަޅުތައް ދަސްކޮށްދިނުން
ދަރިފުޅު އެހެންމީހުންނާއި ރަނގަޅަށް މުއާސަލާތުކޮށް، އެއްޗެހި ހިއްސާ ކުރަން (ޝެއާ ކުރަން) ކުޑަ އުމުރުގައި ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން މީހުންގެ އިހުސާސްތަކަށް ބަލައި، އަމިއްލަ ނަފްސަށްވުރެ އެހެން މީހުން އިސްކުރުމަކީ މުސްތަޤްބަލުގައި ވަރަށް ފައިދާހުރި ކަމަކަށް ވެގެންދާނެ އެވެ.
ހާވާޑްގެ ދިރާސާއިން ދައްކާފައިވާ ގޮތުގައި އެހެން މީހުންނަށް އަޅާލުމަކީ ތިމާގެ އަމިއްލަ އުފާވެރިކަންހާ މުހިންމު ކަމެއް ކަމަށެވެ. މިއީ މައިންބަފައިން އަބަދުވެސް ދެމެހެއްޓެނިވި ގޮތުގައި ދަރިންނަށް ކިޔައިދިނުން މުހިންމު ކަމެކެވެ. އެއީ ބައެއް ފަހަރު ކުދިންނަށް އެހާ އަވަހަށް އެކަން ދަސްނުކުރެވޭތީ އެވެ.
ބެލެނިވެރިއެއް ނަމަ އަބަދުވެސް ވާންޖެހޭނީ ރަނގަޅު ނަމޫނާއަކަށެވެ. އޭގެ މާނައަކީ ކަންކަމުގައި ޒިންމާ ނަގައި، އުނދަގޫ ނަމަވެސް ކަންތައް ކުރަން އޮތް އެންމެ ރަނގަޅު ގޮތަށް ޢަމަލު ކުރުމެވެ. ނަމޫނާއަކަށްވެ ތިމާ ބުނާ ވާހަކަތައް ޢަމަލުން ދައްކައި ސާބިތުކޮށް ދޭށެވެ. ދަރިންނަށް ހަނދާންކޮށްދޭންވީ ކަމަކީ އެހެން މީހުންވެސް އެކުދިންގެ އެހީއަށް ބޭނުންވާނެ ކަމަށާއި، އެހެން މީހުންނަށް އެހީތެރިނުވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ކުރެވިދާނެ ކަންތައްތައް:
– އަބަދުވެސް މީހުންނަށް ހިތްހެޔޮވެ އޯގާތެރިވާން ދަސްކޮށްދިނުން
– އެކުދިންގެ ޢަމަލުތަކަށް ޒިންމާ ނަގައި، ޒިންމާތައް ފުރިހަމައަށް އަދާކުރަން ދަސްކޮށްދޭށެވެ. ކުޅިވަރެއް ހުއްޓާލައި ނުވަތަ ރަހުމަތްތެރިކަމުގެ ގުޅުމެއް ކަނޑާލަން ނުދޭށެވެ. އަބަދުވެސް ކަމެއް ދޫކޮށްލުމަކީ މާ ފަސޭހަ ކަމެކެވެ. އެހެންނަމަވެސް އެއީ ކަންތައް ކުރަންޖެހޭ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
4. ޝުކުރުވެރިވާން ދަސްކޮށްދިނުން
ދިރިއުޅުމުގައި ތިބޭ މީހުންނާއި އެއްޗެއްސަށް ޤަދަރުކޮށް ޝުކުރުވެރިވާން ދަސްކޮށްދޭށޭވެ. މާޒީގައި ހިނގައިދިޔަ ހާދިސާތަކުގެ ވާހަތަކާއި ދަތި އުނދަގޫތަކުގެ ވާހަކަތައް އެކުދިންނަށް ކިޔާދޭށެވެ. އެއިރުން މިޒަމާނުގައި ހުރިހާ ފަހުގެ ވަސީލަތްތަކާއި އެކު ދިރިއުޅެން އެކުދިންނަށް ލިބުނު ފުރުސަތަށްޓަކައި ޝުކުރުވެރިވާން އެކުދިންނަށް ދަސްވާނެ އެވެ. އަދި އެކުދިންގެ ދިރިއުޅުމާއި ލިބެން ހުރި ފުރުސަތުތަކުގެ ނާޖައިސް ފައިދާ ނަގައިގެން ނުވާނެކަން ބުނެދޭށެވެ.
ހާވާޑްގެ ދިރާސާއިން ދެއްކި ގޮތުގައި އާންމު ދިރިއުޅުމުގައި ޝުކުރުވެރިވާ މީހުންނަކީ ހަޤީގަތުގައި އެހެންމީހުންނަށްވުރެ މާ އެހީތެރިވާ، ދީލަތި އަދި ހިތްހެޔޮ މީހުންނެވެ. އަދި އެންމެ މުހިންމީ އެފަދަ މީހުންނަކީ ދުޅަހެޔޮ އަދި އުފާވެރި މީހުން ކަމުގައި ވާކަމެވެ.
ކުރެވިދާނެ ކަންތައްތައް:
– ދިރިއުޅުމުގައި ޝުކުރުވެރިވާން ދަރިފުޅަށް ހަނދާންކޮށް ދިނުން
– އެހެން މީހުންނަށް (އާއިލާ، މުދައްރިސުން، އަވަށްޓެރިން) އިހުތިރާމްކޮށް ޝުކުރުވެރިވާން ދަސްކޮށްދިނުން
– އަމިއްލަ ނަފްސު ނަމޫނާއަކަށް ހަދައި މީހުންނާއި އެއްޗެހީގެ ފައިދާ ނުހަނު ގޮތުގައި ނުނެގުން
5. އެކުދިންނަށް ބޮޑު މަންޒަރު ދެއްކުން
ކުޑަކުދިން އަބަދުވެސް އަޅާލަނީ އެކުދިންގެ އާއިލާގެ މީހުންނަށާއި ގާތް ރަހުމަތްތެރިންނަށެވެ. މިއީ ވަރަށް ނޯމަލް ކަމަށް ވީނަމަވެސް، ހަޤީގީ ގޮންޖެހުމަކީ އާއިލާ އާއި ރަހުމަތްތެރިން ނޫން އެހެނިހެން މީހުންގެ އިހުސާސްތައް ދަނެ އަޅާލާން ދަސްކޮށްދިނުމެވެ.
ކުޑަކުދިން ދަސްކުރަން ޖެހޭ ކަމަކީ ހުރިހާ ކަމެއްވެސް ފެށެނީ އެންމެ މީހެއްގެ ފަރާތުން ކަމަށާއި، މީހެއްގެ ދިރިއުޅުމުގައި އެކުދިންނަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެވިދާނެ ކަމެވެ. އެހެންކަމުން އެހާ ރަނގަޅަށް ނުދަންނަ މީހުންނަށްވެސް އިހުތިރާމްކޮށް އޯގާތެރިކަން ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.
ހާވާޑްގެ ދިރާސާއިން ދައްކާފައިވާ ގޮތުން، ތިމާއާއި ގާތް މީހުންގެ އިތުރުން އާންމު ދިރިއުޅުމުގައި ބައްދަލުވެ ވާހަކަ ދައްކައި އުޅޭ މީހުންގެ ވާހަކަތައް އަޑުއަހައި އެމީހުންނަށްވެސް އަޅާލުމަކީ ކުޑަކުދިން ދަސްކުރަންޖެހޭ ކަމެކެވެ.
ކުރެވިދާނެ ކަންތައްތައް:
– އެހެން މީހުންނަށް ހަމްދަރްދީވާން ދަރިފުޅަށް ދަސްކޮށްދޭށެވެ. އޭގެ ތެރޭގައި ރޯން ހުރި ކުޑަކުއްޖަކު ހުއްޓުވަން މަސައްކަތް ކޮށް ކްލާހުގައި ދުވަހަކުވެސް ވާހަކަ ނުދައްކާ ކުއްޖަކާއި ވާހަކަ ދައްކަން މަސައްކަތް ކުރުން ހިމެނެ އެވެ.
– އެކިއެކި ދީންތަކުގެ، ޤައުމްތަކުގެ އަދި ތަފާތު މުޖުތަމަޢުތަކުގައި ދިރިއުޅޭ މީހުންނާއި ބެހޭގޮތުން ދަރި
ފުޅާއި ވާހަކަދެއްކުން.
– ހަޤީގަތް ނުބަލައި އެއްވެސް މީހަކާއި ބެހޭގޮތުން ގޯސް ގޮތަކަށް ނުދެކި، ވަށައިގެންވާ މީހުންނަށް އޯގާތެރިވެ އަޅާލާން ދަސްކޮށްދިނުން.