Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ހަގީގީ ސިޓީއަކަށް އައްޑޫ ހައްދަވައި ދެއްވީ ރައީސް ޔާމީން: ތޯރިގް

އައްޑުއަކީ ހަގީގީ ސިޓީއެއްގެ ގޮތުގައި ގެންނަން ޖެހޭ ތަރައްޤީއެއް ގެނެސް ދެއްވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޠޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހުޅުމީދޫގެ ނަރުދަމާ އިފްތިތާހުކުރުމާއި، ހުޅުދޫގެ ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އިފްތިތާހް ކުރުމަށް ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތުގައި ޠޯރިގް ވިދާޅުވީ މި ސަރުކާރުން "ހުސް" ވާހަކަތަކެއް ނުދައްކާނެކަމަށާއި، މިއީ ތަރައްޤީގެ ބިޔަ މަޝްރޫއުތައް ފަށައި ނިންމަމުންދާ ސަރުކާރެއް ކަމަށެވެ.

ޠޯރިގް ވިދާޅުވީ މި ސަރުކާރުން އައްޑޫއަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، އައްޑޫ ސިޓީގައި މީގެ ކުރިން އޮތީ ހަމައެކަނި ސިޓީގެ ނަންބޯޑެއް ކަމަށާއި، މިސިޓީ ހަގީގީ ސިޓީއަކަށް ހައްދަވައިދެއްވީ ރައީސް ޔާމީން ކަމަށެވެ.

ހުޅުދޫ އަދި މީދޫގައި ފެއްޓެވި ނަރުދަމާ އާއި ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަށް އަލިއަޅުވާލައި މިނިސްޓަރ ޠޯރިގް ވިދާޅުވީ މި ދެ މަޝްރޫއުގެ ތެރެއިން ނަރުދަމާ ނިޒާމް ގާއިމް ކުރަނީ ސަރުކާރާއި އޮޕިޑް ފަންޑުގެ ލޯންއެހީގެ ދަށުން ނަމަވެސް ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަކީ ސީދާ ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދު ކުރާ މަޝްރޫއެއްކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ފަދަ 700 މިލިއަން ރުފިޔާގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަވާއިރު، ރައީސް ޔާމީން މި ގެންނަވާ ތަރައްޤީގައި ރައްޔިތުން ބައިވެރިވުމަށް ޠޯރިގް ގޮވާލެއްވިއެވެ.

"މި ސަރުކާރަކީ ކޮންމެހެން ބޭކާރު ވާހަކަތަކެއް ދައްކާ ސަރުކާރެއް ނޫން، އެއްވެސް ގޮތަކަށް ޝައްކު ނުކުރައްވާތި އަޅުގަނޑުމެން މިއީ ފާޑުފާޑު ވާހަކަ ދައްކާ ސަރުކާރެއް ކަމަށް، އަޅުގަނޑުމެން މިއީ މަސައްކަތް ކުރާ ސަރުކާރެއް،"

ޠޯރިގް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އައްޑޫގެ ތަރައްޤީގެ ކަންކަމަށް ބޮޑެތި އިހްމާލުވުން ވެފައިވާ ކަމަށާއި، މިކަންކަން ރައްޔިތުން މިއަދު ބަލައިގެންފައިވާ ކަމަށެވެ. އެގޮތުން މިހާރު އައްޑޫން އެމްޑީޕީގެ ސަޕޯޓެއް ނެތްކަމަށާއި، ފެންނަނީ ރައީސް ޔާމީންގެ ސަޕޯޓަރުންކަމަށް ޠޯރިގް ވިދާޅުވިއެވެ.