މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މީދޫ ޓީމާއި މަރަދޫފޭދޫ ބައްދަލު ކުރި މެޗް 2-2 ލަނޑުން އެއްވަރުވެއްޖެ އެވެ.
މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ މަރަދޫފޭދޫ ޓީމުންނެވެ.
އެ ޓީމްގެ މުހައްމަދު ހަމްދާން ލަނޑު ޖަހައި ލީޑް ނަގާފައި ވަނިކޮށް މީދޫ ޓީމްގެ ހަސަން މައުޝޫގް ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން މީދޫ ޓީމަށް ލަނޑެއް ޖަހާދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ދެވަނަ ހާފްގައި ވެސް ލީޑް ނެގީ މަރަދޫފޭދޫ ޓީމުންނެވެ. އެޓީމްގެ އަބްދުﷲ ޝިފާޒް ލަނޑު ޖަހައި ނަތީޖާ 2-1 ލަނޑަށް ބަދަލުކުރިއެވެ. ނަމަވެސް މެޗް ނިމިގެން ދިޔައީ މީދޫ ޓީމްގެ ސަމީން ޖަހާދިން ލަނޑާއި އެކު 2-2 ލަނޑުން އެއްވަރުވެގެންނެވެ.

މި މެޗްގައި މީދޫ ޓީމްގެ ތަޖްރިބާކާރު ކުޅުންތެރިއާ އަޝްރަފް (އައްޝޭ)އަށް އިންޖަރީވެގެން ނުކުޅެވެއެވެ. މީދޫ ޓީމަށް މިހާތަނަށް 2 މެޗް ކުޅެވިފައިވާ އިރު އެޓީމަށް އަދި ލިބުނީ އެއްމެ ޕޮއިންޓެކެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ހިތަދޫ ފުޓްބޯޅަ ޓީމާއި ފޭދޫ ފުޓްބޯޅަ ޓީމެވެ. މެޗް އޮންނާނީ މީދޫ ދަނޑުގައެވެ.