ރައްޔިތުން ސަރުކާރާއި އެކު ތިއްބަވައިފި ނަމަ ހުޅުދޫގައި އެއާޕޯޓެއް އެޅުމަކީ ވެސް ފަސޭހަ ކަމެއް ކަމަާށް ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.
ޝާޑު މިގޮތަށް ވިދާޅުވީ ހުޅުދޫ އަދި މީދޫގެ ނަރުދަމާ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
"ތިޔަބޭފުޅުން ސަރުކާރާއި އެކު ތިއްބަވައިފި ނަމަ އަޅުގަނޑަށް ވަރަށް ފަސޭހައޭ މިރަށުގަ އެއާޕޯޓެއް އަޅަން ވެސް. މިހެން މިދެންނެވީ ރާއްޖޭގެ ކޮންމެ ހިސާބަކުން މިއުޅެނީ ތިމަންނާމެން ބޭނުމީ އެއާޕޯޓެކޭ، މިހާރު އެއްވެސް ބޭފުޅަކު ބަނދަރަކަށް ބޭނުމެއް ނުވޭ. އެއާޕޯޓުގެ ވާހަކަ މި ދައްކަނީ."
ޝާޑު ވިދާޅުވި ގޮތުގައި އުމުރުން 40 އަހަރުވެގެން ދިޔައިރު ނަރުދަމާ އާއި ފެނުގެ ވާހަކަ އަޑު އިވިފައި ނުވާކަމަށާއި އެވާހަކަ އަޑު އިވެން ފެށީ މި ސަރުކާރު އައި ފަހުން ކަމަށެވެ.
އަދި އެވާހަކަ ދައްކަމުން ގޮސް ރައްޔިތުން ފޫހިވެ، މިހާރު ދައްކަނީ އެއާޕޯޓުގެ ވާހަކަ ކަމަށެވެ.
ކޮންމެ މަހަކު އެއްފަހަރު 5 އެއާޕޯޓު ސެޓު ސެޓުން އަޅަމުން ގެންދާ ކަމަށާއި، މިފަދަ މަޝްރޫޢު ހިންގޭނީ އެކަން ކުރަން އެނގޭ މީހަކު ވެރިކަމުގައި ހުރެގެން ކަމަށް ޝާޑު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށާއި އެއްވެސް އިރެއްގައި މާ ވާހަކަ ގިނަ ނުކުރައްވާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް ވާހަކަ ގިނަ ނުކޮށް އަމަލުން ކަންކަން ދައްކަވާނެ ކަމަށް ޝާޑު ވިދާޅުވިއެވެ.