Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ފޭދޫ ނަރުދަމާ ނިޒާމު އިފުތިތާހުކޮށްފި

ފޭދޫގެ ނަރުދަމާގެ މަޝްރޫޢު މިއަދު އިފްތިތާހްކޮށްފި އެވެ.

މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ ތޯރިގް އިބްރާހީމެވެ.

ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަޝްރޫޢު އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޭދޫގައި ތިބި ޕީޕީޢެމްގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.

މިނިސްޓަރ ތޯރިޤް ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓަކީ ރައީސް ޔާމީން އައްޑޫ ސިޓީގެ ފޭދޫއަށް ދެއްވާ ވަރަށް މުހިއްމު ހަދިޔާއެއް ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ފޭދޫގެ ރައްޔިތުންނަށް ނަރުދަމާގެ ނިޒާމުގެ ބޭނުން ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ތޯރިޤް ވިދާޅުވިއެވެ.

ފާއިތުވި އެކި ސަރުކާރުތަކުން އައްޑޫގައި ނަރުދަމާ ނިޒާމެއް ޤާއިމް ކުރާނެ ކަމުގެ ވާހަކަ ދެއްކި ކަމަށާއި އެހެން ނަމަވެސް އެކަން ކުރެވިފައި ނުވާކަން ފާހަގަކުރައްވައި ތޯރިޤް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އޯޕެކް ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުގެ މަސައްކަތް ކުރަނީ އެމްޓީސީސީ އިންނެވެ.

ފޭދޫގެ ނަރުދަމާގެ މަސައްކަތް ފެށުމުގެ ބޭނުންވާ ސާމާނު މިހާރު ފާއިތުވި މާރޗް މަހު ފޭދޫއަށް ވަނީ ގެނެސްފައެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަމާޒަކީ 2018 ވަނަ އަހަރަށް މުޅި އައްޑޫގެ ނަރުދަމާ ނިޒާމް ނިންމާލުން ކަމަށެވެ.