އައްޑޫގައި އެތައް މިލިއަން ޑޮލަރެއް ހިމެނޭ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ވިލާ ގުރޫޕުން ތައްޔާރު ވަމުންދާ ކަމަށް ވިލާ ގްރޫޕުގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ކޮންމެ ހަފްތާއަކު ބާއްވަމުންގެންދާ ހަފްތާ ބައްދަލުވުމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ޤާސިމް ވިދާޅުވީ އައްޑޫގައި ސާފު ބޯފެން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ފެން ޕްލާންޓަކާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް އައިސް ޕްލާންޓަކާއި އައްޑޫ ރައްޔިތުންނަށް ކައްކާ ގޭސް ލިބުން ދަތިވާތީ އައްޑޫގައި ގޭސް ޕްލާންޓެއް ވެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ބިން ހޯދުމަށް އައްޑޫ ސިޓީ ކައުންސިލަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް ޤާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގައި ހިމެނޭ ކައުންސިލަރުން ސިޔާސީ ފިކުރާއި ކުލައަށް ބެއްލެވުމެއް ނެތި އައްޑޫގެ ތަރައްޤީ އަށް ކުރާ ބޮޑެތި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ފުރިހަމަކޮށް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އައްޑޫގައި ނުވަތަ ހުވަދު އަތޮޅުގައި ސިމެންތި ބަންދު ކުރާނެ ފެކްޓްރީއެއް ޤާއިމު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރޭގެ ބައްދަލުވުމުގައި ޤާސިމް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީގެ، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްރީލަންކާގެ ކޮލަމްބޯ އަށް ވިލާ އެއާގެ ފްލައި މީގެ ދަތުރުތައް ފެށުމުގެ ހުއްދަ އަށް އެދި އިއްޔެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ދަތުރުތައް ފެށުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ މިދަތުރުތަކުގެ ޓިކެޓް ވީހާވެސް ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސާ ދެއްވާނެ ކަމަށެވެ.
ވިލާ ގުރޫޕުން އައްޑޫގައި ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކާއި ގުޅިގެން މުޅި އެސަރަހައްދު ތަރައްޤީވެ ދެކުނުގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޤާސިމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ކަމުގައި ޤާސިމް ހުންނެވި ދުވަސްވަރު އައްޑޫގައި ތިން ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓެއް ކުރުމަށް އަރަބި މުސްލިމް ދައުލަތަކުން ދިވެހި ސަރުކާރަށް ހުށަހެޅުމުން އޭރު އޮތް ރައީސް މައުމޫންގެ ސަރުކާރުން އެކަމަށް އިޖާބަ ނުދެއްވި ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ. އަދި އެ ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ދިވެހި ސަރުކާރުގެ އިހްމާލުން ގެއްލިގެން ދިއުމަކީ އައްޑޫ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް ޤާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އައްޑޫގައި އިންވެސްޓް ކުރަން ހުށަހެޅި އަރަބި މުސްލިމް ދައުލަތަށް އެފުރުސަތު ހުޅުވާލި ނަމަ ދުނިޔޭގެ ފެންވަރަށް މުޅި އައްޑޫ މިއަދު ތަރައްޤީ ކުރެވިފައި އޮންނާނެ ކަމަށެވެ. އަދި މި އިންވެސްޓް ކުރާ ފުރަތަމަ އަހަރު އެކަނި ވެސް ދައުލަތަށް މި އިންވެސްޓްމަންޓްގެ ތެރެއިން މަދުވެގެން 100 މިލިއަން ޑޮލަރު ކޮންމެ އަހަރަކު ލިބިގެންދާނެ ކަމަށް ވެސް އިންވެސްޓަރުން ހުށަހެޅި ލިޔެކިޔުންތަކުގައި ބުނެފައިވާ ކަމަށްވެސް ޤާސިމް ވިދާޅުވި އެވެ.