ރަށު ކައުންސިލަކަށް ކުރިމަތިލެއްވި ނަަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބު ނުހޯއްދެވޭނެ ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
ފަލާހު މިގޮތަށް ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ރޭ މާލޭގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުހައްމަދު ނަޝީދަށާއި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް ޔާމީން އަކީ މިގައުމު ދުވަހަކު ވެސް ނުދެކޭފަދަ ވެރިއެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެމަނިކުފާނު ފަދަ ވެރިއެއް މިގައުމަށް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފަލާހު ވިދާޅުވިއެވެ.
2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އިންތިޚާބު ފަލާހު ކާމިޔާބު ކުރެއްވި އިރު ލިބިވަޑައިގެންނެވީ 956 ވޯޓެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދު ވަނީ 105181 ވޯޓު ހޯއްދަވާފައެވެ.
ޝަރުޢީ ނިޒާމުގައި ހުރި މައްސަލަތަކުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަވާ ކަމަށާއި އެއީ، އެއްވެސް ކަމެއް ހަޖަމްނުވެގެން ދައްކާ ވާހަކަތަކެއްގެ ގޮތުގައި ފަލާހު ވަނީ ސިފަކުރައްވާފައެވެ.
ފަލާހް ވިދާޅުވި ގޮތުގައި އިދިކޮޅު ލީޑަރުން ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަނީ އެބޭފުޅުންނަށް ދިވެހި ހަޒާނާއިން ނުހައްގު ގޮތުގައި އެއްޗެހިތަކެއް ނުލިބިގެން ކަމަށެވެ.