Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ވެސް އައިޓީ ޕާކްގެ ވާހަކަ "މަނާ"!

ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ އެކި ވަފުދުތައް އައްޑޫއަށް ފުލުފުލުގައި ވަޑައިގަންނަވަމުން ގެންދަވާއިރު ތަފާތު އެކި ވަޢުދުތަކުގެ ވާހަކަ ވެސް ގެންދަވަނީ ދައްކަވަމުންނެވެ.

އިއްޔެ ހުޅުދޫ އާއި މީދޫގެ ނަރުދަމާ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުޅުދޫގައި އެއާޕޯޓެއް އެޅިދާނެ ކަމަށް ވެސް އެ ދާއިރާގެ މެންބަރު ޝާޑު ވަނީ ވިދާޅުވެފައެވެ. ޖުމްލަ ގޮތެއްގައި އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ ފަރާތުން ބޮޑެތި ވަޢުދުތަކެއް ވަމުން ގެންދާ މަންޒަރެވެ.

އެހެން ނަމަވެސް، މީގެ ކުރިން އިންތިޚާބުތަކާއި ދިމާކޮށް ސަރުކާރުގެ އިސްވެރިން ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ބައެއް ވައުދުތައް ފުރިހަމައެއް ނުވެއެވެ. އެހެން ނަމަވެސް އެވާހަކަ އެއް ސަރުކާރުގެ އެއްވެސް ބޭފުޅަކު އައްޑޫއަށް ވަޑައިގެން ނުދައްކަވައެވެ.

އޭގެ ތެރެއިން އެއް ވައުދަކީ މީގެ 1273 ދުވަސް ކުރިން ރައީސް އަބްދުﷲ ޔާމީން އައްޑޫގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އައިޓީ ޕާކުގެ ވަޢުދެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެވާހަކަ ދެއްކެވި ފަހުން ރައީސް ޔާމީން އައިޓީ ޕާކު ވައުދުގެ ވާހަކައެއް ނުދައްކަވައެވެ.

އެމަނިކުފާނުގެ ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް އެ ވާހަކައެއް ނުދައްކަވައެވެ. ކައުންސިލް އިންތިޚާބާއި ދިމާކޮށް ވައުދުތަކުގެ ވާރޭ އައްޑޫއަށް ބޯކޮށް ވެހެމެން ދާއިރު ވެސް އައިޓީ ޕާކުގެ ވައުދުގެ ކޮބައިކަމެއް ނޭނގެއެވެ.

އެއެއްވެސް ވެރިޔަކު އެވާހަކައެއް ނުދައްކަވައެވެ. ފަހަރެއްގައި އައިޓީ ޕާކުގެ ވާހަކަ ދެއްކެވުމަށް ވަކި ވަގުތެއް ޚާއްސަކޮށްފައި އޮތީ ކަމަށް ވެސް ވެދާނެއެވެ. ނުވަތަ އައިޓީ ޕާކުގެ ވައުދުގެ ވާހަކަ ދެއްކެވުން "މަނާ" ކުރެވިފައި އޮތީ ކަމަށް ވެސް ވެދާނެއެވެ.