ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް ދޫކޮށްލުމަށް ގޮވާލައި ޕެޓިޝަނެއް ހެދުމުގެ މަސައްކަތް މާމިގިލީ ރައްޔިތުން ފަށައިފިއެވެ.
ގާސިމް ނިސްބަތްވެ ވަޑައިގަންނަވާ މާމިގިލީ ރައްޔިތުން ދަނީ ގާސިމް ބަންދުކުރި ފަހުން ހުއްޓުމެއް ނެތި އިހްތިޖާޖް ކުރަމުންނެވެ.
މާމިގިލީ ރައްޔިތުންގެ ފަރާތުން ތައްޔާރު ކުރާ ޕެޓިޝަނުގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު މާމިގިލީ ޖުމްހުރީ ޕާޓީގެ އޮފީހުގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.
މާމިގިލީ ރައްޔިތުން އިސްވެ ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމަށް ތައްޔާރު ވަމުންދާ މިޕެޓިޝަނުގައި ބުނެފައި ވަނީ، ޤާސިމް އިބުރާހީމަކީ، ރާއްޖޭގެ ރައްޔިތުންގެ ތާއީދާއި ލޯބި ހޯއްދަވައި، އެމަނިކުފާނުގެ މަދަދައި އެހީތެރިކަމުގައި ދިވެހި އެތަކެއް ރައްޔިތުންނަަށް ތަފާތު އެކި ރޮނގު ރޮނގުން ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ، ދިވެހި ޤައުމުގެ ލާބަޔާއި މަންފާއަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްގައި ފަސްނުޖެހި ކުރިޔަށް ވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.
ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވާ އިރު ދައުލަތުން ވަނީ އެމަނިކުފާންގެ މައްޗަށް ތިން ދައުވާއެއް އުފުލާފައެވެ. ނަމަވެސް އެ ތިން ދައުވާއަށް ގާސިމް ވަނީ އިންކާރު ކުރައްވާފައެވެ.