އެއް މައްސަލައެއް ބަލާފައި އަނެއް މައްސަލައެއް ނުބަލަން ނިންމުމަކީ ޤާނޫނަށް އިންކާރުކުރުން ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޛް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު ކުރެއްވި މިގޮތަށް ޓްވީޓް ކުރައްވާފައި ވަނީ، މެންބަރު މުހައްމަދު އިސްމާއިލްގެ 'ފައިސާ ގޯނީގެ' މައްސަލަ ނުބެލުމަށް ފުލުހުން ނިންމާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.
"އެއް މައްސަލައެއް ބަލާފައި އަނެއް މައްސަލައެއް ނުބަލަން ނިންމުމަކީ ޤާނޫނީ ވާޖިބު އަދާކުރުމަށް އިންކާރުކުރުން، ޤާނޫނަށް އިންކާރުކުރުން" (މައުމޫން ޙަމީދު)
މައުމޫން ހަމީދުގެ ޓްވީޓްގައި އިތުރަށް ބުނެފައި ވަނީ، ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ފެންނާނީ އެއްފަދަ މައްސަލަތަކުގައި އެއްގޮތަކަށް އަމަލުކުރުމުން ކަމަށެވެ.
މައުމޫން ހަމީދުގެ ޓްވީޓްގައި އަމާޒުކުރައްވާފައި ވަނީ ކޮން މައްސަލަތަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.އެހެން ނަމަވެސް ބެލެވޭ ގޮތުގައި ޓްވީޓްގައި ދައްކަވާފައި ވަނީ، ޖޭޕީގެ ލީޑަރ ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އާއި މެންބަރު މުހައްމަދު އިސްމާއިލް މަޖިލީހުގެ މެންބަރުން ނަށް ފައިސާ ބެއްސެވި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކުގެ މައްސަލައިގެ ވާހަކައެވެ
މަޖިލިސް މެންބަރުންނަށް ރިޝްވަތު ދޭން އުޅުނުކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްއެމަނިކުފާނުގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއިލް މަޖިލީހުގެ މެންބަރުން ނަށް ފައިސާ ބެއްސެވި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކުގެ މައްސަލަ ނުބަލަން ފުލުހުން ވަނީ ނިންމާފައެވެ.
މެންބަރު މުހައްމަދު އިސްމާއީލްގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.