މިއީ ފެނަކަ ކޯޕަރޭޝަނުން ހިންގާ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަަންޓު ޚިދުމަތް ފޯރުކޮށް ދޭ މަރުކަޒީ އިންޖީނުގޭގެ ވާހަކަ އެވެ. ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންގެ ނަފްރަތު އެކަންޏެއް ނޫނެވެ. ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހިތްތަކުގައި ވެސް އެ ތަނުގައި ތިބި ބައެއް ވެރިންނާއި މެދު ރުޅިވެރިކަން އޮތީ އުފެދިފަ އެވެ.
އިންޖީނުގޭގެ ކަންތައް ބޮއްސުން ލާފައިވާއިރު އެކަންތައް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ފާއިތުވި 3 އަހަރުގެ ތެރޭގައި ވެސް ކުރެވިފައެއް ނުވެއެވެ.
ހަގީގީ މައްސަލަތައް ބެހެއްޓުމަށް ފަހު މެޑަލް ޖެއްސެވުން ފިޔަވައި އެހެން ކަމެއް އައްޑޫގައި ތިއްބެވި ފެނަކަ ކޯޕަރޭޝަނުގެ ވެރިންގެ ނެތެވެ.
ސެކިއުރިޓީ ފެންވަރު ދަށް، ބޮޑު މައްސަލައެއް!
ގދ. ތިނަދޫ އިންޖީނުގޭގައި ރޯކޮށްލި ހާދިސާ އަކީ އެއިން އިބްރަތް ލިބި އިންޖީނުގެތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހޭކަން އަންގައިދިން ހާދިސާއެކެވެ. ތިނަދޫ އިންޖީނުގޭގައި ބަޔަކު ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭއިރު، އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމުތައް ހުރީ އެންމެ އެކަށީގެންވާ ގޮތުގައެއް ނޫނެވެ.
ދާދި ފަހުން، ހިތަދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ ކަސްޓަމަރ ސަރވިސް ޑިޕާޓްމަންޓްގެ ތިޖޫރީ ފަޅާލަން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރި އިމާރާތުގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ވަދެ އެތަނުގެ ތިޖޫރީ ފަޅާލަން މަސައްކަތް ކުރި އިރު އެތަނުގައި ސެކިއުރިޓީ ގާޑުން ވެސް ތިއްބެވެ.
އެ ކަމެއް ހިނގިކަން ސެކިއުރިޓީ ގާޑުންނަށް އެނގުނީ މާ ފަހުންނެވެ. ވައްކަން ކުރަން ވަތް މީހުން ދިޔައީ ސީސީޓީވީ ކެމެރާގެ ހާޑު ޑިސްކް ވެސް ހިފައިގެންނެވެ. އެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ފެނަކަ ކޯޕަރޭޝަނުން ހިންގާ އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ސެކިއުރިޓީ ހާލަތު ވެސް ހުރީ އެފަދަ ގޮތަކަށެވެ. އިންޖީނުގެ އަކީ "ބޭނުން އިރަކު ބޭނުން މީހަކު ވަދެފައި ދެވޭ ފަދަ ހާލަތެއްގައި ހުރި ތަނެއް" ކަމަށް އިންޖީނުގޭގެ ބައެއް މުވައްޒަފުން ސިފަކުރެއެވެ.
މުވައްޒަފުން ބުނާ ގޮތުގައި އިންޖީނުގޭގެ ސެކިއުރިޓީއަށް ސަތޭކަ އަކުން ސުމެއް ވެސް ނުލިބޭނެއެވެ. ސެކިއުރިޓީ ބަލަހައްޓަން ހުންނަ މުވައްޒަފު "ނުފެނިގެން ހޯދަންޖެހޭ" ހިސާބަށް ގޮސްފައިވާ އިރު އެކަން ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް އެމީހުން ބުނެއެވެ.
ފާއިތުވި 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް އިންޖީނުގޭގެ ސެކިއުރިޓީ ރަގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅޭ އެތައް ބައެއްގެ ހައްގުތަކާއި ގުޅިފައިވާ އިންޖީނުގެ އެއްގެ ސެކިއުރިޓީ އާއި މެދު އިހުމާލުވުމަކީ މައްސަލައެކެވެ.
އަލިފާން ނިއްވާ ފުޅިތައް ހުރީ ގުދަނުގައި!
އިންޖީނުގެ ފަދަ މުހިއްމު ތަންތަނަކީ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތައް އަޅާފައި ހުންނަންޖެހޭ ތަންތަނެވެ.
އައްޑޫ އިންޖީނުގޭގައި ފަޔަރ އެލާމް ސިސްޓަމް ވެސް ހުރީ މައްސަލަ ޖެހިފައެވެ. އެ ސިސްޓަމުގައި މައްސަލަ ޖެހިފައި ހުންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު އެކަން ހައްލުކުރުމަށް މިހާތަނަށް މަސައްކަތް ކުރެވިފައެއް ނުވެއެވެ.
ފެނަކަ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނި ގޮތުގައި ވަރަށް ފަހަކާއި ޖެހެން ދެން އިންޖީނުގޭގައި ބޭނުން ކުރަން ބަހައްޓާފައި ހުރީ މުއްދަތު ހަމަވެފައިވާ އަލިފާން ނިއްވާ ފުޅިތަކެއް ކަމަށެވެ. އަދި އެތަކެތި ބަދަލު ކުރީ، ފެނަކަ ހެޑް އޮފީހުގެ ޓީމެއް އަންނަކަން އެނގިގެން ކަމަށެވެ.
"ވަރަށް ފަހަކާ ޖެހެންދެން މުއްދަތު ހަމަވެ، ބާވެފައި ހުރި އަލިފާން ނިއްވާ ފުޅިތައް ހުރީ. އާ ފުޅިތައް ގެނެސް ގުދަނަށް ލައިގެން ތިބޭތާ އެތައް ދުވަހެއް ފަހުން، މި ނެރުނީ. އެވެސް މައުލޫމާތު ލިބޭގޮތުން ހުވަދޫ( ފިޔޯރީގައި) އިންޖީނުގޭ ކަންތަކަށް ފަހު އެމްޑީ ސީދާ ރިޕޯޓެއް ހަދަން އެންގުމުން، ރިޕޯޓު ހަދަން މި ބަދަލުކުރީ."
ފެނަކަ އައްޑޫ އޮޕަރޭޝަންތަކާއި ބެހޭގޮތުން ހުރި ޝަކުވާތަކާއި ގުޅިގެން ފެނަކަ ހެޑް އޮފީހުގެ ޓީމެއް އައި ހިސާބުން ކޮންމެވެސް ވަރަކަށް ކަންތައް ރަނގަޅު ވެފައިވާ ކަމަށް އައްޑޫ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފުން ބުނެއެވެ. މުވައްޒަފުން މަސައްކަތް ކުރާއިރު ބޭނުންކުރާނެ ސޭފްޓީ ކިޓު ފުރިހަމަ ނުވެ 3 އަހަރު ވެފައި ވަނިކޮށް މިހާރު ހުރިހާ މުވައްޒަފުންނަށް ސޭފްޓީ ކިޓު ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނުގޭގެ ފަޔަރ އެލާމް ސިސްޓަމަށް ވެސް މައްސަލަތަކެއް ދިމާވެ އެކަން ރަނގަޅު ނުކުރެވި ހުންނަތާ 3 އަހަރަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފައެވެ. އެކަން ހައްލުކުރުމަށް މިހާތަނަށް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.
އިންޖީނުގެއަށް ވުރެ ޕާޓީ ހަރަކާތް މުހިއްމު!
ސިޔާސީ ވެރިންގެ ބާރުގަދަވުމުގެ ނަތީޖާއެއްގެ ގޮތުން، ފެނަކަ ކޯޕަރޭޝަނުން ހިންގާ އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ހުރިހާ ކަމެއް ބޮއްސުންލާފައި ވާއިރު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންބޮޑުން އިންތިހާއަށް ބޮޑެވެ. ވަކިން ޚާއްސަ ގޮތެއްގައި އިންޖީނުގޭގައި މަސައްކަތް ކުރާ ޓެކްނިކަލް މުވައްޒަފުންގެ ޝަކުވާތައް ބޮޑެވެ. އެމީހުން މިކަމުގައި ކަންބޮޑުވަނީ ކަމުގެ އަސްލު ކުޑަ ބޮޑު މިން އެނގޭތީއެވެ.
އިންޖީނަކަށް ބޭނުންވާ ސްޕެއަރ ނުލިބިގެން އެ މަސައްކަތް ނުފެށިފައި އެބަހުއްޓެވެ. އެކަން ވެރިންނަށް ބޮޑު މައްސަލައަކަށް ނުވާއިރު، އެކަން ބޮޑުވެގެން އުޅެނީ ޓެކްނީޝަނުންނާއި މެއިންޓެނެންސް މަސައްކަތް ކުރާ މީހުންނެވެ.
"އިންޖީނު މަރާމާތުކުރަން ސްޕެއަރ ލިބުން ލަސްވެގެން އެވާހަކަ ބުންޏަސް ކެހިތަން ހިރުވައެއް ވެސް ނުލައޭ. އަޅުގަނޑުމެންނަށް އިނގޭ ހެޑް އޮފީހުން ލަސްތަކެއް ވާކަން، އެކަމަކު ސްޕެއަރ ބޭނުންވާ ވާހަކަ (ހެޑް އޮފީހަށް) އަންގަން ވާނީ، 'ރޯވީމައެއް' ނޫން."
ރޯދަމަސް ޖެހެން ކައިރިވާއިރު އައްޑޫ އިންޖީނުގޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭތީ ޓެކްނިކަލް މުވައްޒަފުން ތިބީ ކަންބޮޑުވެފައެވެ. އެހެން ނަމަވެސް އެއަށް ވުރެ ފެނަކަ އައްޑޫ އޮފީހުގައި ތިބި ސިޔާސީ ވެރިން މުހިއްމު ވެގެން އުޅުއްވަނީ މެއި 6 ވަނަ ދުވަހު ބާއްވާ އިންތިޚާބެވެ.މައްސަލައަކަށް ވަނީ ޕާޓީގެ ހަރަކާތްތަކަށް މުވައްޒަފުން ނުދިއުމެވެ.
މަސްއޫލިއްޔަތެއް ބަޔަކާއި ހަވާލުކުރާއިރު އެއީ ކޮން ފެންވަރެއްގެ ބައެއް ތޯ ބެލުމަކީ، މިހާރު ރާއްޖޭގައި ކުރެވޭ ކަމެއް ނޫނެވެ. މީހުންގެ ޤާބިލްކަން ވަޒަން ކުރަނީ، ސިޔާސީ ކަންކަމުގައި އެމީހަކު ކުރާ މަސައްކަތްތަކަށް ބެލުމަށް ފަހުއެވެ. ޕާޓީ ޖަލްސާތަކަށް ދާ މިންވަރާއި ޕާޓީގެ ހަރަކާތްތަކުގައި އުޅޭ މިންވަރުންނެވެ.
ފެނަކަ އައްޑޫ އޮފީހުގެ ވެރިން ކެމްޕެއިން ޖަލްސާތަކުގައި "ޝުކުރިއްޔާ ރައީސް ޔާމީން" އަދި "2018 ޔަގީން" ކަމަށް ވިދާޅުވިޔަސް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިޚްލާސްތެރިކަމެއް ނެތުމުގެ ސަބަބުން ކޮންމެ ދުވަހެއް ވެސް ވެގެން ދަނީ ސަރުކާރަށާއި ފެނަކައަށް ރައްޔިތުންގެ ރުޅިވެރިކަން އަމާޒުވާ ދުވަހަކަށެވެ.
ދިވެހިރާއްޖެއަށް ޑިމޮކްރަސީއެއް ތައާރަފް ވުމާއި ހިސާބުން މި 'ވަބާ' އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފިއެވެ. އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ހާލަތު ހުރި ގޮތުން ފެންނަމުން އޭގެ ހިތި ކަމެވެ.
މުވައްޒަފުންނާއި ތަނުގެ އިމާރާތާއި ވަސީލަތްތަކާއި މެދު އިހުމާލުވެފައިވާ މަންޒަރެވެ. އެހެން ނަމަވެސް ވެރިން ފެންވަރުގެ ބޭފުޅުން، ވިދާޅުވާ ގޮތުން ހުރިހާ ކަމެއް ވެސް ބަރާބަރެވެ. އެއްވެސް މައްސަލައެއް ނެތެވެ.
ފެނަކަ އައްޑޫ އޮފީހުގެ ވެރިން ކެމްޕެއިން ޖަލްސާތަކުގައި "ޝުކުރިއްޔާ ރައީސް ޔާމީން" އަދި "2018 ޔަގީން" ކަމަށް ވިދާޅުވިޔަސް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިޚްލާސްތެރިކަމެއް ނެތުމުގެ ސަބަބުން ކޮންމެ ދުވަހެއް ވެސް ވެގެން ދަނީ ސަރުކާރަށާއި ފެނަކައަށް ރައްޔިތުންގެ ރުޅިވެރިކަން އަމާޒުވާ ދުވަހަކަށެވެ.