Last Updated: July 3, 06:26
Friday, July 3, 2026
ޚަބަރު

ބިދޭސީންނާ ގުޅޭ ހިދްމަތްތައް އޮންލައިންކޮށް އައްޑޫން ދޭން ފަށައިފި

ބިދޭސީންނާ ގުޅޭ ހިދްމަތްތައް ނުލިބި ޢާއްމުންގެ ޝަކުވާ ވަރަށް ބޮޑުވެފައި ވަނިކޮށް އެ ޙިދްމަތްތައް ސިޓީ ކައުންސިލްގައި ހުންނަ އިމިގްރޭޝަން ޔުނިޓުން އޮންލައިންކޮށް މިއަދު ދޭން ފަށައިފިއެ ވެ.

އިމިގްރޭޝަން ޑިޕާޓްމަންޓްގެ ސީނިއަ އިމިގްރޭޝަން އޮފިސަރު އަހުމަދު ނަދީމް ވިދާޅުވީ ބިދޭސީންނާ ގުޅޭ ހިދްމަތްތައް ހޯދުމަށް ކުރިން މާލެ ދާން ޖެހޭ ދިއުމަށް ނިމުން އައިސް އެ ހިދްމަތް ކައުންސިލް އިދާރާގައި ހުންނަ އިމިގްރޭޝަން ޔުނިޓުން ލިބެން ފަށާފައިވާ ކަމަށެވެ.
އެގޮތުން ކޯޓާ އަށް އެދުމާ، އެމްޕްލޯއިމަންޓް އެޕްރޫވް ކުރުމުގެ އިތުރުން ވޯކްޕާމިޓް ކާޑާއި ޕާސްޕޯޓްގައި ސްޓިކާ ޖެހުމުގެ ހިދްމަތް މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަދީމް ވިދާޅުވީ އައްޑޫން ދޭން ފެށި ހިދްމަތްތަކުގެ ތެރޭގައި ފަސޭހަ ގޮތަކަށް ޑިޕޮސިޓް ފައިސާ ދެއްކޭނެ އުސޫލެއް ވެސް ހަމަޖެހިފައިވާ ކަމަށެވެ. ވިސާ ޑެބިޓް ކާޑުން އޮންލައިންކޮށް އެފައިސާ ދެެއްކޭނެ ނިޒާމު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބިދޭސީންނާ ގުޅޭ ހިދްމަތްތަކަށް އޮންލައިންކޮށް އެދެވޭނެ މަގުވެސް މިހާރު ފަހިވެފައިވާ ކަމަށް ނަދީމް ވިދާޅުވި އެވެ.

އައްޑޫން ބިދޭސީންނާ ގުޅޭ ހިދްމަތްތައް ލިބެން ނެތުމުން އެކަމުގެ ކަންބޮޑުވުން ސިޓީ ކައުންސިލުން މިދިޔަ ހަފުތާ ތެރޭގައި ވަނީ ފާޅުކޮށްފަ އެވެ.

ކައުންސިލަރު އަބްދުﷲ ތޮއްޔިބް ވިދާޅުވީ އިމިގްރޭޝަނުން މި ހިދްމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުން ދިނުމަށް ސިޓީ ކައުންސިލުން ތައްޔާރަށް އޮތް ކަމަށެވެ.