Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

އުރީދޫން އައްޑު އާއި ފުވައްމުލަކަށް ހިއްސާ ވިއްކުން އިފްތިތާހްކޮށްފި

އައްޑު އާއި ފުވައްމުލަކަށް އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކުން މިރޭ އިފްތިތާހުކޮށްފި އެވެ.

ގަމުގެ އީކުއޭޓަ ވިލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑު އާއި ފުވައްމުލަކަށް ހިއްސާ ވިއްކުން އިފްތިތާޙްކޮށް ދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާނާއި އެ ކުންފުނީގެ ބޯޑް މެންބަރު އަލްއުސްތާޛާ ދީނާ ޙުސައިނެވެ.

މި ރަސްމިއްޔާތުގައި އައްޑޫގެ ވިޔަފާރިވެރިންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އުރީދޫގެ ފަރާތުން މެއި މަހުގެ 28 އާ ހަމައަށް ވިއްކާ އެކުންފުނީގެ ހިއްސާގެ ތެރެއިން ކޮންމެ މީހަކު މަދުވެގެން ގަނެވޭނީ 50 ހިއްސާ އެވެ. އެއީ 30ރ ގެ މަގުން 1،500ރ. އެވެ.

މި ރަސްމިއްޔާތުގައި ނަޖީބް ޚާން ވަނީ ކުރިއަށް އޮތް ތަނުގައި ހިއްސާދާރުންނަށް ފައިދާ ހޯދައިދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ގަތަރު ޓެލެކޮމް ކުންފުނީގެ ރާއްޖޭގެ ވިޔަފާރިން ވިއްކަން ނިންމާފައި ވަނީ 59.1 މިލިއަން ހިއްސާ އެވެ. އެއަދަށް ވިކިއްޖެ ނަމަ 1.7 ބިލިއަން ރުފިޔާ ހޯދޭނެކަމަށް އެކުންފުނިން އަންދާޒާކުރެއެވެ.

އުރީދޫ އިން މައުލޫމާތު ދޭ ގޮތުގައި ހިއްސާ ވިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ވިއްކާނީ 22 މިލިއަން ހިއްސާ އެވެ.

އުރީދޫން ރާއްޖޭގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭން މިހާތަނަށް 190 މިލިއަން ޑޮލަރަށް ވުރެ މަތީ އަދަދެއް އިންވެސްޓްކޮށްފައި ވާއިރު މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 491.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.