Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ގޯތި ނެގި ފަރާތްތަކަށް އަލުން ގޯތި ދޫކުރެވޭތޯ ބަލަނީ

ސ. ހިތަދޫން މީގެ ކުރިން ދޫކޮށްފައި ވަނިކޮށް އަނބުރާ ނަގާފައިވާ 700 އެއްހާ ގޯތީގެ ބަދަލުގަ އަލުން ގޯތި ދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އައްޑޫ ސިޓީކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ އިންފްރާސްޓްރަޗަ ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވީ މާމެންދު އާއި އާރްއޭއެފް ސަރަހައްދުން 2008 ގައި ދޫކޮށްފައިވާ 700 ގޯއްޗަކީ ހިތަދޫގައި އިމާރާތްކޮށްފައިވާ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު އިމާރާތް ކުރުމަށް ބޭނުންވެގެން ކައުންސިލަށް ނަގާފައިވާ ގޯތިތައް ކަމަށެވެ.

އެ ގޯތިތަށް ކައުންސިލަށް ނެގުމަށް ފަހު ގޯތީގެ ވެރި ފަރާތްތަކަށް އަލުން ގޯތި ދިނުމަށް ނިންމި ނަމަވެސް އެކަން ދިގުލައިގން ދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ. އެހެން ނަމަވެސް ބިން ދޫނުކުރެވި ލަސްވެގެން ގޮސްފައި ވަނީ އެ އަދަދަށް ބިން ދޫކުރާ ވަރަށް ބިން ނެގެން ނެތިގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެގޮތުން ހިތަދޫގެ އާރް އެފް ސަރަހައްދުގަ ހައުސިންގ ޔުނިޓް އެޅުމަށް ޚާއްސަ ކުރި ބިމުން އެފަރާތްތަކަށް ގޯތި ދޫކުރުމަށް ވިސްނަމުންދާކަމަށާއި، އެކަމަށް ވަކިގޮތެއް ވަރަށް އަވަހަށް ހަމަޖައްސާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ަަެއެހެން ނަމަވެސް އައްޑޫގައި ފްލެޓް އެޅުމަށް ކަނޑައެޅި ބިންތަކުން، ބިން ދޫކުރެވޭތޯ ބަލަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ. އަދި އެކަން އެގޮތަށް ކުރަން ނިންމީ ފްލެޓް މަޝްރޫއު ވެސް ކުރިއަށް ނުގޮސް، އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާތީ ކަމަށް ކައުންސިލުން ބުނެ އެވެ.