Last Updated: June 26, 06:30
Friday, June 26, 2026
ކުޅިވަރު

ރިސޯޓް ފުޓްސަލް މުބާރާތެއް އެފްއޭއެމުން ބާއްވަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފުރަތަމަ ފަހަރަށް ރިސޯޓްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ހޯމް އެންޑް އެވޭ އުސޫލުން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް އެފްއޭއެމުން ވަނީ ކަނޑައަޅައިފަ އެވެ.

ބައިވެރިވާ ކޮންމެ ޓީމެއްގެ އަތުން 2،000 ޑޮލަރު ނެގުމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ. އެއީ ދިވެހި 30،840ރ. އެވެ.

މި މުބާރާތުގައި ކުޅެވޭނީ މެޓް ނުވަތަ ޓާފު ފުޓްސަލް ދަނޑުގައެވެ. ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް އެފްއޭއެމްއިން ހުޅުވާލާފައިވާ އިރު ކޮންމެ ޓީމަކަށްވެސް ބިދޭސީ އެއް ކުޅުންތެރިޔަކު ޓީމުގައި ހިމެނުމުގެ ފުރުސަތު ދީފައިވެ އެވެ.

ރިސޯޓްތަކުގެ މެދުގައި ފުޓްސަލް މުބާރާތްތައް ކުރިއަށް ގެންދާ އިރު މިއީ ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނުން ރިސޯޓްތަކަށް އަމާޒުކޮށްގެން މުބާރާތެއް އިންތިޒާމު ކުރި ފުރަތަމަ ފަހަރެވެ.

ފުޓްސަލްއަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި މަޤުބޫލު ކުޅިވަރަކަށް ވެފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް މުބާރާތްތައް އިންތިޒާމުކޮށް ކުރިއަށް ގެންދެ އެވެ.