ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ބަންދުގައި ބަހައްޓައިގެން މިއަދު ކޯޓަށް ހާޒިރު ކުރުމަށް ހުޅުމާލޭ ކޯޓުން ނެރެފައިވާ އަމުރު ހައި ކޯޓުގައި އިސްތިޢުނާފަށް ހުށަހެޅުމުން ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމަށް މިއަދު އަންގައިފި އެވެ.
ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ ރައީސް ނަޝީދު ހައްޔަރު ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރުގައި މިއަދު ހަވީރު 4:00 އަށް ރައީސް ނަޝީދު ފުލުހުންގެ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކުރުމަށް އަންގާފައިވާ ކަމަށެވެ.
އަދި މި އަމުރު މިއަދު ހައި ކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން، ބަލައިގަނެވެން ނެތް ކަމަށް ރައީސް ނަޝީދުގެ ވަކީލުންގެ ޓީމަށް ހައި ކޯޓުން އަންގާފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.
އެމްޑީޕީން ބުނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ޤާނޫނީ ސައްޙަ ކަމެއް ނެތް، ސިޔާސީ ބޭނުންތަކަށްޓަކައި އުފައްދަވައިގެން އުޅޭ ކޯޓެެއް ކަމަށެވެ. އަދި އެ ކޯޓުގެ ހަމައެކަނި މަޤްސަދަކީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ބައިވެރިވެވަޑައިނުގެންނެވޭ ގޮތް ހެދުންކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ރައީސް ނަޝީދުގެ ޝަރީޢަތް އިންސާފުން އެއްކިބާވެ، އާއްމު އުސޫލްތަކާއި ޚިލާފުވެ އަދި ފުލުހުން އެ މަނިކުފާނު ހައްޔަރު ކުރުމަށް ކުރާ މަސައްކަތާ ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީއަށާއި އެ މަނިކުފާނުގެ ހިމާޔަތަށް އެދި ތާޢީދު ކުރާ ހުރިހާ ފަރާތްތަކެއް އެމްޑީޕީގެ މައި އޮފީސް ހ. ޝަރާޝާ ދޮށަށް އެެއްވުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.