Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ޔާމީން މަރުގެ ތުހުމަތަށް ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް

މިދިޔަ އެޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި ޒުވާނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ޔާމީންގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ޒުވާނެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ އިރު ޔާމީން ދިރިއުޅުނު މ. ސްޕެޓިއުލާ އާއި ކައިރި ގެއެއް ފުލުހުން ވަނީ ބަލައި ފާސްކޮށް ބައެއް ސާމާން ގެންގޮސްފައެވެ. ފުލުހުން އެގެ ބަލައި ފާސްކުރީ އެ ސަރަހައްދު ބަންދުކޮށްގެން ތިބެއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ޒުވާން ބްލޮގަރ ޔާމީން ރަޝީދު މަރާލާފައިވަނީ އޭނާއަށް އެކި ފަހަރުމަތިން އިންޒާރު ދިނުމަށްފަހުއެވެ. ޔާމީންވަނީ އޭނާއަށް އިންޒާރު ލިބެމުންދާކަން ފުލުހުންނަށް ހުށަހަޅާފައެވެ.

ޔާމީން މަރާލިތާ ހަފްތާއެއްފަހުން މިއަަދު މީހަކު ހައްޔަރުކޮށްފައިވާ އިރު މިއަދު ފުލުހުން ބަލައި ފާސްކުރީ އޭނާ ދިރިއުޅެމުން އައި ގެއެވެ. ފުލުހުން އޭނާ އެގެެއަށް ގެނެސް ފާސްކުރިއިރު އެ މަންޒަރުވަނީ ވީޑިއޯކޮށްފައެވެ.