ދިވެހިރާއްޖޭގެ ޤާނޫނީ ރައީސަކީ އަދިވެސް މުޙައްމަދު ނަޝީދު ކަމަށާއި، މިހާރުގެ ސަރުކާރަކީ ބަޣާވާތެއް ކަމަށް އިންޑިޔާގެ އިނދިކޮޅު ޕާޓީ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ރައީސް ސުބްރަމަނިއަން ސްވާމީ ވިދާޅުވެއްޖެ އެވެ.
އޭނާ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ޤާނޫނީ ރައީސް ކަމަށާއި، އެ މަނިކުފާނު ބޭނުންފުޅު އިރަކު އިންޑިއަން ހައި ކޮމިޝަންގައި ހުންނެވޭނޭ ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ، ރާއްޖޭގެ މަސްރަހު މިހާރު އޮތް ގޮތުން ރާއްޖޭގެ ސަލާމަތީ ބާރުތަކުން އިންޑިއަން ހައި ކޮމިޝަންގެ ތެރެއަށް ވަނުމުގެ ބިރު އެބައޮތް ކަމަށާއި، ހައިކޮމިޝަން ދިފާއު ކުރުމަކީ މިހާރު ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި އިންޑިއާ ސިފައިން ރާއްޖެ ފޮނުވުމަށް އެ ޕާޓީން ވަނީ އިންޑިއާ ސަރުކާރަށް ގޮވާލާފަ އެވެ.
ސުބްރަމަނި އަން ވިދާޅުވީ މިހާރުން މިހާރަށް ހައި ކޮމިޝަނުގެ ހިމާޔަތައް އިންޑިއާ ސަރުކާރުން ފިޔަވަޅު އެޅުމަށް ގޮވާލައްވާ ކަމަށެވެ.
އަދި އެއްވެސް ގައުމެއްގެ އިއްޒަތްތެރިން ބޭރު ގައުމެއްގެ ހައިކޮމިޝަން ނުވަތަ އެމްބަސީއަކަށް ވަޑައިގެންނެވުމުން ފޮނުވާނުލާނެ ކަމަށާއި އިންޑިއަން ހައިކޮމިޝަނުގެ ނިންމެވުމަށް ތާއީދު ކުރައްވާ ކަމަށް ސުބްރަމަނިއަން (ފޮޓޯގައި) ވިދާޅުވި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ނަޝީދު ބޭނުންފުޅު އިރަކު އެތަނުގައި ހުންނެވޭނެ ކަމަށާއި، އެތަނުން ވަޑައިގަންނަވަން ޖެހޭނީ ވެސް އަމިއްލަފުޅަށް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ސުބްރަމަނިއަން ސްވާމީ ވިދާޅުވި އެވެ.