ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަބްދުﷲ ނާޒިމް އާއި ހަވާލާދީ 'ޕީއެސްއެމް'ގައި ބުނެފައި ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ހަވާލުކުރުމަށްޓަކައި ޤާނޫނީ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމުގެ ފަހު މަރުހަލާ ކަޑައްތު ކުރަމުން އަންނަ ކަމުގައެވެ.
އަދި މިއީ އުތުރުގެ ރަށްތަކުގެ ސިއްޚީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް 150 އެނދުގެ ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެއެވެ.
އިންޑިއާގެ ނިމްސް ހޮސްޕިޓަލާ އެގްރިމެންޓްގައި ސޮއިކުރާތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި، އެތަން ޓާރޝަރީ ފެންވަރަށް ބަދަލުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަކީ މިހާރު 50 އެނދުގެ ހޮސްޕިޓަލެކެވެ.