ރައީސް ޔާމީން ވެރިކަން ކުރައްވަން ޖެހިފައި ވަނީ އެކަހެރިވެ، ސިޔާސީ ގޮތުން ތަޖުރިބާއެއް ނެތް ބޭފުޅުންނާ އެކުގައި ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތުން ނެރުނު ނޫސް ބަޔާނެއްގައި ރައީސް ޔާމީނުގެ ސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދަ ނިމުމަކަށް ގެނައުމަށް މީގެ ދެއަހަރު ކުރިން މަގުމައްޗަށް ނިކުމެ ސަރުކާރުގެ ސިޔާސަތުތަކަށް އިންކާރުކުރި ދުވަސް ފާހަގަކުރުމުގެ ގޮތުން ނެރުނު ނޫސް ބަޔާނުގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައިވެ އެވެ.
ގައުމުގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އިސްނަގައިގެން މަޝްވަރާ ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށާއި ސަރުކާރަށް ގޮވާލައި ފެއްޓެވި މަސައްކަތުގެ މެދުތެރެއިން އެމަނިކުފާނު ޖަލަށްލައި ޓެރަރިޒަމްގެ ހުކުމް ކޮށްފައިވިނަމަވެސް އެމަނިކުފާނުގެ މަސައްކަތުން މަޝްވަރާއަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާ ކަން އަދާލަތުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މިއަދު ރައީސް ޔާމީން ވެރިކަން ކުރައްވަން ޖެހިފައިވަނީ އެކަހެރިކަމާއެކު އެކަނި ކަމަށާއި ވެރިކަން ކުރާ ޕާޓީ ދެފަޅިވެ، ކެބިނެޓު އެކި ފަރާތްތަކަށް ފުރޮޅި ފުރޮޅި ސިޔާސީ ގޮތުން ތަޖުރިބާއެއް ނެތް ބަޔަކާއެކު ރައީސް ޔާމީން މަސައްކަތް ކުރަން ޖެހިފައިވާ ކަމީ ހަގީގަތް ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި މަޖިލީހުގައި ލިބިފައިވާ އަޣުލަބިއްޔަތު ގެއްލި، މެޖޯރިޓީ ނުހިފހެއްޓެމުންދާ ކަން އަދާލަތުން ވަނީ ފާހަގަކޮށްފައެވެ.
އަދާލަތު ޕާޓީގެ ރައީސް، ޝެއިޚް އިމްރާން ނުހައްގުން ބަންދުކޮށް، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސާބިތު ނުހިފޭ ހުކުމެއް ކަމަށާއި ރައީސް ޔާމީން އެކުލަވާލި އިންކުއަރީ ކޮމިޓީއިންވެސް އެކަމަށް ހެކިވާ ކަމަށް އަދާލަތުން ބުނެފައިވާއިރު ޝެއިޚް އިމްރާނަށް ދެމުން އަންނަ އަނިޔާތައް ހުއްޓުވައި އެމަނިކުފާނު މިނިވަން ކުރުމަށް އަދާލަތުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.