އަނިޔާވެރިގޮތަކަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު މާލޭގައި މަރާލާފައި އޮތްވާ ފެނުނު ޒުވާން ބްލޮގަރ، ޔާމީން ރަޝީދުގެ މަރުގެ މައްސަލަައިގެ ތަހުގީގު މިނިވަން އަދި އަވަސް ތަހުގީގަކަށް ހެދުމަށް 800 އަށްވުރެ ގިނަ މީހުންގެ ސިޓީ ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު އަރީފަށް ފޮނުވައިފިއެވެ.
ޔާމީންގެ އާއިލާއާއި ރަށްޓެހިން އަދި ހެޔޮއެދޭ ފަރާތްތަކުން ފޮނުވި 800 އަށްވުރެ ގިނަ ސިޓީ ޕޮލިހަށް ހުށައަޅާފައިވަނީ މިއަދު ޔާމީންގެ ބައްޕަ، ހުސެން ރަޝީދެވެ. ރަޝީދު ވިދާޅުވެފައިވަނީ ދިގުލައިގެން ނުގޮސް އޭނާގެ ދަރިފުޅުގެ ތަހުގީގު އަވަސްކޮށްދިނުމަށާއި ޔާމީންގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނެސްދިނުމަކީ އާއިލާގެ އެދުން ކަމަށެވެ.
އަދި ތަހުގީގު އަވަސް ކުރުމަށާއި މިނިވަން ކުރުމަށް ބޭރުގެ ޕްރޮފެޝަނަލް މީހުން ތަހުގީގުގައި ބައިވެރިކުރުމަށް ރަޝީދު ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ.
"މިފަދަ އެކި މައްސަލަތަކުގެ ތަހުގީގުތަކުގައި ކުރިން ކަންތައް ވެފައިވާ ގޮތުން މި މައްސަލާގައި އަޅުގަނޑުމެންނަށް މާބޮޑު ހިތްހަމަޖެހުމެއް ނެތް. އެހެންވެ ބޭރުގެ އިންވެސްޓިގޭޓަރުންނާއި އެކްސްޕާޓުން ބައިވެރިކޮށްގެން ތަހުގީގު ކުރިއަށް ގެންގޮސްދެއްވާށޭ އަޅުގަނޑުމެން މިއަދު ވެސް އެދިފައިވާނެ،" މިހާރު ނޫހާއި ވާހަކަ ދައްކަމުން ރަޝީދު ވިދާޅުވެފައިވެއެވެ.
ޔާމީންގެ މަރުގެ މައްސަލާގައި ބައިވެރިވި މީހުން ހޯދިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވާއިރު ޔާމީންގެ އާއިލާއަށް އެމީހުން ތިބީ ސިފަ ބަދަލުކޮށްގެން ކަމަށާއި އެއީ އަސްލު ކޮން ބަޔެއްކަން ނޭނގޭ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ ޔާމީންގެ މަރާއި ގުޅިގެން އެގޭ ކައިރީގައި ދިރިއުޅޭ ޒުވާނަކު ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ.