އައްޑޫގެ ބައެއް ގޭބިސީތަކަށް ފެނަކަ ކޯޕަރޭޝަނުން ފޮނުވި މިދިޔަ މަހުގެ ކަރަންޓް ބިލް އާދަޔާޚިލާފަށް ބޮޑުވުމުގެ ސަބަބުން އެކަމާ ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފެނަކަ އިން ގެތަކަށް ފޮނުވި ބިލުތަކާއި ހަވާލުވުމަށް ބައެއް ފަރާތްތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ.
ބައެއް ގެތަކަށް ފޮނުވި ކަރަންޓު ބިލް އޭގެ ކުރީ މަހަށް ވުރެ 1،500ރ. ވަރު ބޮޑުވެފައިވާ ކަމަށްވެ އެވެ.
ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާ ބޮޑުވެފައިވާއިރު ފާއިތުވި މަހުގެ ތެރޭގައި އިންޖީނުތަކުގައި މައްސަލަތަކެއް ޖެހި، ވަރަށް ގިނައިން ހިތަދޫގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާފައިވާ ކަން ފާހަގަކޮށްލެވެ އެވެ.
ފެނަކަ އައްޑޫ އޮފީހުން މައުލޫމާތު ދިން ގޮތުގައި، ކަރަންޓު ބިލްތައް ބޮޑުވުމުގެ ޝަކުވާތައް އާންމު ރައްޔިތުންގެ މެދުގައި ހުރިކަން އެނގޭ ކަމަށާއި އެހެން ނަމަވެސް، އެއްވެސް ފަރާތަކުން މިހާތަނަށް ލިޔުމުން އެފަދަ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ފެނަކަ އައްޑޫ އޮފީހުގެ އޮފިޝަަލަކު ވިދާޅުވި ގޮތުގައި ފާއިތުވި ތިން އަހަރު ދުވަހު ވެސް ފެބްރުއަރީ، މާޗް އަދި އެޕްރީލް މަހު ކަރަންޓު ބިލްތައް ބޮޑުކަން ފާހަގަކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ދިމާވަނީ، އެއީ އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސްކޮޅަކަށް ވުމުން ކަރަންޓު ބޭނުން ކުރާ އަދަދު އިތުރުވުމުން ކަމަށެވެ.