ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލޭގެ ދެގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓުމަންޓުން މިދިޔަ އެޕްރީލް މަހުގެ 25 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެކެވެ. ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި މިދެމީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ގެންގުޅުމާއި މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ތުހުމަތެވެ.
ޑީއީޑީގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އައިމިނަތު ސުޒީ ވިދާޅުވެފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނުގައި ބަލާ ފާސްކުރި ފުރަތަމަ ގެއިން ސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ތަކެއްޗާއި ދެ ޑިޖިޓަލް ކައްޓާއާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 17 ފިލްމު ހުސްކުރިދަޅާއި ދެ ފުޅިއަކާއި ވަޅިއެއްގެ އިތުރުން ސިރިންޖަކާއި ޖޫސްޕެޓީ ހުސް ކޮތަޅު ބޮނޑިއެއް ވަނީ ފެނިފައެވެ.
އަދި ދެވަނަ ގެއިން ފުލުހުން ވަނީ ކެނެބިސް ކަމަށް ޝައްކުކުރެވޭ 1.1 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 91 ގްރާމުގެ ތަކެތިވެސް ފުލުހުން ވަނީ މިގެއިން އަތުލައިގެންފައެވެ. އަތުލައިގެންފައިވާ ތަކެތީގެ ސްޓްރީޓް ވެލިއު ލަފާކުރެވޭ ގޮތުގައި 1.6 މިލިއަން ރުފިޔާއަށް އަރާކަމަށް ސުޒީ ވިދާޅުވިއެވެ.
ފުލުހުން ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ 10 ދުވަހަށް އިތުރުކޮށްފައެވެ. ފުލުހުން ހިންގާ މިފަދަ އޮޕަރޭޝަން ތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.