Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ޔާމީންގެ މަރާ ގުޅޭ ސިޓީތައް ފުލުހުން ބަލައެއް ނުގަތް!

ފުލުހަށް ހުށަހެޅި ސިޓީތައް އަނބުރާ ހަވާލުކުރުމުން އެ ސިޓީ ތަކާއި އެކު ޔާމީން ރަޝީދުގެ ބައްޕަ ފުލުހުންގެ އިދާރާއިން ނިކުމެގެން ދަނީ.

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޒުވާން ބްލޮގަ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މިނިވަންކަމާ އެކު ވީހާވެސް އަވަހަށް ތަހްގީގުކޮށް ދިނުމަށް އެދި ޔާމީންގެ އާއިލާ އާއި ގާތް އެކުވެރިން ފުލުހުންނަށް މިއަދު ހުށަހެޅި 800 އެއްހާ ސިޓީ ބަލައި ނުގަނެ އަނބުރާ އާއިލާއާ ހަވާލުކޮށްފި އެވެ.

އާއިލާގެ ފަރާތުން ޔާމީންގެ ބައްޕަ ހުސެއިން ރަޝީދު މިއަދު ފުލުހަށް ހުށަހެޅި ސިޓީ ފުރަތަމަ ފުލުހުން ބަލައިގަތެވެ. ނަމަވެސް އޭގެ ފަހުން އަނބުރާ އެ ސިޓީތަކާ ހަވާލުވުމަށް ފުލުހުން ވަނީ އާއިލާ އަށް އަންގައިފަ އެވެ.

ޔާމީންގެ ބައްޕަ ހުސެއިން ރަޝީދު ބުނީ ސިޓީ އަނބުރާ އާއިލާ އާއި ހަވާލުކުރީ އެކި މީހުންގެ ސިޓީ އެކަކަށް ހުށަނޭޅޭނެ ކަމަށް ބުނެ އެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ފުލުހުން އެސިޓީތައް ބަލައި ނުގަތީ ނޫން ކަމަށާއި އެމީހަކު ހުށަހަޅާ ސިޓީއެއް އެ މީހަކު އަމިއްލަ އަށް އައިސް ހުށަހެޅި ދާނެ ކަމަށެވެ.

ޔާމީންގެ ބައްޕަ ބުނީ އާއިލާއިން ފުލުހުންނަށް ހުށަހެޅި ސިޓީގައި ޔާމީންގެ މަރުގެ މައްސަލަ ވީހާވެސް އިންސާފުވެރިކަމާއި އެކު ތަހްގީގު ކުރުމުގައި ބޭރުގެ ފަރާތްތައް ބައިވެރިކުރުމަށް އެދިފައި ވާނެ ކަމަށެވެ.

ޔާމީންއަށް އިންސާފު ހޯދައި ދިނުމަށް އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. އަދި އަވައްޓެރި ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީގައި މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ލަންކާ ނޫސްތަކުން ވަނީ ބުނެފައެވެ.

ޔާމީން އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ރަހުމް ކުޑަގޮތަކަށް މަރާލި މީހާކަަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ޔާމީންގެ މަރުގެ ހާދިސާ އާއި ގުޅިގެން 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް 15 ދުވަސް ބަންދަށް ވަނީ ޖަހައިފަ އެވެ.