Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ފުލުހުންނަށް ސިޓީ ހުށަހެޅުމުގެ އާ "އުސޫލާ" އެކު ދެން ވާނީ ކިހިނެއް؟

ފުލުހަށް ހުށަހެޅި ސިޓީތައް އަނބުރާ ހަވާލުކުރުމުން އެ ސިޓީ ތަކާއި އެކު ޔާމީން ރަޝީދުގެ ބައްޕަ ފުލުހުންގެ އިދާރާއިން ނިކުމެގެން ދަނީ.

ރަހުމްކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މިނިވަންކަމާ އެކު ވީހާވެސް އަވަހަށް ތަހުގީގުކޮށްދޭން ފުލުސް އޮފީހަށް 800 އަށް ވުރެ ގިނަ ސިޓީ ބަލައިނުގަނެ، އެ ސިޓީތައް ފުލުހުން މިވަނީ އަނބުރާ ރައްދުކޮށްފައެވެ.

ފުލުސް އޮފީހަށް ހުށަހެޅި ސިޓީތައް ފުލުހުން ބަލައިގަތް ނަމަވެސް، އޭގެ މާ ގިނަ އިރުތަކެއް އެ ސިޓީތައް ބަލާ އައުމަށް ޔާމީން ރަޝީދުގެ ބައްޕަ ހުސެއިން ރަޝީދަށް ފުލުހުން އެންގިއެވެ. ސަބަބެއް ކަމަށް ފުލުހުން ބުނެފައި ވަނީ، "އޮންނަ އުސޫލުތަކާއި ހިލާފަށް" އެ ސިޓީތައް ހުށަހެޅުމެވެ.

މިކަމާއި ބެހޭގޮތުން މީޑިޔާގައި ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވެފައި ވަނީ ސިޓީތައް ރިޖެކްޓް ކުރީ ނޫން ކަމަށާއި ރަސްމީ އިދާރާތަކަށް ސިޓީ ހުށަހެޅުމަށް އޮންނަ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ހުށަހަޅަން އެދުނީ ކަމަށެވެ.

ދިވެހިރާއްޖޭގައި ރަސްމީ އިދާރާތަކަށް ސިޓީ ހުށަހެޅުމަށް ފުލުހުން ވިދާޅުވާ ފަދަ އުސޫލެއް ޤާއިމްކޮށްފައެއް ނޯވެއެވެ. އަދި ދައުލަތުގެ އިދާރާއަކަށް މީހަކު ލިޔާ ސިޓީއެއް އެހެން އިދާރާއަކަށް ހުށަހަޅަން ދާން ޖެހޭނީ އެމީހަކު އަމިއްލައަށް ކަމަށް ބަޔާންކޮށްފައިވާ އުސޫލެއް ނޯވެއެވެ.

ފުލުހުން މިއަދު މި ހާމަކުރި "އާ އުސޫލް" ގެ ސަބަބުން ރާއްޖޭގެ ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުންނާއި، ދައުލަތުގެ މިނިސްޓަރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ޚުދު ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިވަޑައިގެންފާނެއެވެ.

ފުލުހުންގެ އިދާރާއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީއެއް ފޮނުއްވާ ނަމަ އެ ސިޓީ އެއް ހިއްޕަވައިގެން ރައީސަށް ވެސް ޖެހިވަޑައިގަންނަވާނީ ފުލުސް އޮފީހަށް ވަޑައިގަންނަވާށެވެ. އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ފުލުސް އޮފީހަށް ސިޓީ އެއް ހިއްޕަވައިގެން ވަޑައިގަންނަވާ މަންޒަރު ވެސް ފަހަރެއްގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ފުލުސް އޮފީހަށް ސިޓީއެއް ހިއްޕަވައިގެން ވަޑައިގަންނަވަން ޖެހުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ސަރުކާރުގެ ހިދުމަތްތައް ހަރުދަނާ ފަސޭހަ ކަމާއިއެކު އަވަހަށް ހިދުމަތް ދިނުމަށް އެކުލަވާލާފައިވާ ނިޒާމު، ގަވަމެންޓް އީލެޓާ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް)ގެ ބޭނުން ފުޅާ ދާއިރާއެއްގައި ދައުލަތުގެ އިދާރާތަކުން ގެންދަނީ ކުރަމުންނެވެ.

އެހެން ނަމަވެސް މިއަދު ފުލުހުން މި ވިދާޅުވި "އުސޫލް" ގެ ސަބަބުން އެ ސިސްޓަމްގެ ބޭނުން ވެސް އެއްކޮށް ހުއްޓިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. ނުވަތަ އޮފީހުގައި މިނިސްޓަރަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ، ޖެމްސް އިން ސިޓީ ފޮނުއްވުމުގެ މަސައްކަތް ކުރެއްވުމެވެ. ނުވަތަ ސިޓީ ހިއްޕަވައިގެން ފުލުހަށާއި ދައުލަތުގެ އެކި އިދާރާތަކަށް ވަޑައިގަތުމެވެ.

މީގެ ކުރިން ވެސް އެތައް ފަހަރަކު ފުލުހުން، އަމަލުކުރަމުން ގެންދާނީ ހުރިހާ ރައްޔިތުންނާއި މެދުވެސް ހަމަހަމަ ކަމާއި އެކު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެހެން ކަމުން ޔާމީން ރަޝީދުގެ އާއިލާއަށް ވަކި ގޮތެއް އަދި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ވެރިންނަށް ވަކި ގޮތެއް ފުލުހުން ގެންގުޅުއްވާނެ ކަމަކަށް ބަލައިގެން ނުވާނެއެވެ.