Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ކަރަންޓު ބިލް ބޮޑުވާ ސަބަބު މިއޮތީ!

އައްޑޫ ސިޓީ، ހިތަދޫގެ ގޭބިސީތަކުގެ ކަރަންޓު ބިލްތައް އާދަޔާ ޚިލާފަށް ބޮޑުވަމުން ދަނީ، ހިތަދޫގައި އަޅާފައި ހުރި ކޭބަލްތައް ހިމަވުމުގެ ސަބަބުން ކުރިމަތިވަމުންދާ ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލަތަކާއި ގުޅިގެން ކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

ސޯޝަލް މީޑީޔާގައި ލީކުކޮށްލާފައިވާ ފެނަކަ އައްޑޫ އޮފީހުގެ "ސ.ހިތަދޫ ކަރަންޓުގެ ހާލަތު ހުރިގޮތުގެ މައުލޫމާތު" ރިޕޯޓުގައި ވަނީ އައްޑޫގެ ކަރަންޓުގެ ހާލަތާއި ބެހޭގޮތުން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ހިތަދޫގެ ބައެއް ސަރަހައްދުތަކުގައި އަޅާފައި ހުރި ކަރަންޓު ކޭބަލްތައް ހިމަވުމުގެ ސަބަބުން ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލަ ފެންމަތިވުމަކީ ވަރަށް އާންމު ކަމެކެވެ.

ސޯޝަލް މީޑިޔާގައި ލީކުކޮށްފައިވާ ފެނަކަ އައްޑޫ އޮފީހުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން "މިއަހަރުގެ ފެބްރުއަރީ މަހުގެ ހިސާބުތަކަށް ބަލާއިރު ވޯލްޓޭޖް ނުލިބޭ ހިސާބުތަކަށް 35 އާއި 75 ޕަސެންޓާއި ދެމެދަށް ބިލް ބޮޑުވެފައި އެބަހުއްޓެވެ. އެއީ ބޭނުން ކުރާ ނިސްބަތުން އެވްރެޖްކޮށް 300 ރުފިޔާ އާއި 1800 ރުފިޔާ އާއި ދެމެދުގެ ބޮޑުވުމެކެވެ."

ފާއިތުވި މަހުގެ ކަރަންޓު ބިލް ލިބުނު އިރު އޭގެ ކުރީ މަހާއި އަޅާ ބަލާއިރު 2 ގުނައަށް ކަރަންޓު ބިލް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ރައްޔިތުން ގެންދަނީ ކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ކަރަންޓު ބިލްތަކާއި ހަވާލުވުމަށް ދެކޮޅު ހަދާކަން ފާހަގަކޮށްލެވެއެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ހިތަދޫގައި އަޅާފައިވާ ކަރަންޓު ކޭބަލްތައް ހިމަވުމުގެ ސަބަބުން ވޯލްޓޭޖް ޑްރޮޕް ވުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު 2016 ވަނަ އަހަރުގެ ތެރޭގައި އެ މައްސަލަ ހައްލުކުރުމަށް ލަންކާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކޭބަލް ވަޅުލައި ވަނީ ނިމިފައެވެ. އެެހެން ނަމަވެސް އެ ކޭބަލްތައް ގުޅުމަށް ބޭނުންވާ ސާމާނު ނުލިބިގެން އެ މަސައްކަތް މިހާތަނަށް ކުރެވިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

އަދި އެ މަސައްކަތަށް ބޭނުންވާ ސާމާނު ލިބިއްޖެ ނަމަ، މަހެއްހާ ދުވަހުގެ ތެރޭގައި ހާއްސަ މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތްކޮށް ނިންމާލާނެ ކަމަށް ފެނަކަ އައްޑޫ އިންޖީނުގެއިން ތައްޔާރުކޮށްފައިވަ ރިޕޯޓްގައި ވަނީ ބުނެފައެވެ.

މާރޗް މަހުގެ ތެރޭގައި ތައްޔާރުކޮށްފައިވާ މި ރިޕޯޓްގައި ވަނީ އައްޑޫގެ ކަރަންޓުގެ ހާލަތު ރަގަޅުކުރުމަށް ގެނައި 2 އިންޖީނު އަދިވެސް ބޭނުންކުރަން ފެށިފައި ނުވާތީ އެކަން ފާހަގަކޮށްފައެވެ.

" ވޯލްޓޭޖް ޑްރޮޕް އޭ މިކިޔަނީ. ކަރަންޓު ނަގައި ނުދޭ ވާހަކަ ބޭނުންވާ ވަރަށް. އެހެންވީމަ ދެން މީޓަރުގައި މައްސަލަ ޖެހެނީ، ކަރަންޓު ސާމާނު ހަލާކު މިވަނީ. އެކި ދުވަސްވަރު އެކި ހިސާބުތަކަށް މި ވޯލްޓޭޖް ޑްރޮޕްވާތީ، އެކި ހިސާބުތަކުގެ ބިލްތައް އެކި ދުވަސްވަރު ބޮޑު މިވަނީ."

އައްޑޫ ސިޓީ ހިތަދޫގައި ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބްލްތަކަކީ 1996 ވަނަ އަހަރު އެޅި ކޭބަލްތަކެކެވެ. އޭރު ހިތަދޫގައި ބޭނުން ކުރަމުން ގޮސްފައި ވަނީ، 350-500 ކިލޯ ވޯޓުގެ ކަރަންޓެވެ. އެހެން ނަމަވެސް މިހާރު ހިތަދޫއަށް 3 މެގަވޯޓަށް ވުރެ ގިނަ އަދަދެއްގެ ކަރަންޓު ނަގާކަމަށް ވެއެވެ.

އިންޖީނުގޭގައި މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ކޭބަލް ހޫނުވުމުގެ ވޯލްޓޭޖް ޑްރޮޕްވާނަމަ އޭގެ ސަބަބުން އިލެކްޓްރިކް ސާމާނު ހަލާކުވާނެ ކަމަށާއި އެއީ ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

" ވޯލްޓޭޖް ޑްރޮޕް އޭ މިކިޔަނީ. ކަރަންޓު ނަގައި ނުދޭ ވާހަކަ ބޭނުންވާ ވަރަށް. އެހެންވީމަ ދެން މީޓަރުގައި މައްސަލަ ޖެހެނީ، ކަރަންޓު ސާމާނު ހަލާކު މިވަނީ. އެކި ދުވަސްވަރު އެކި ހިސާބުތަކަށް މި ވޯލްޓޭޖް ޑްރޮޕްވާތީ، އެކި ހިސާބުތަކުގެ ބިލްތައް އެކި ދުވަސްވަރު ބޮޑު މިވަނީ." އޭނާ ބުންޏެވެ.

ދާދިފަހުން 'އައްޑޫލައިވް' އަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި ރޯދަ މަސް ފެށެން ވާއިރަށް އާ އިންޖީނުތައް އިންސްޓޯލްކޮށް ނިންމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.