Last Updated: June 24, 03:22
Tuesday, June 23, 2026
ކުޅިވަރު

ރޮނާލްޑޯގެ ހެޓްރިކާ އެކު ރިއާލް ފައިނަލާ ގާތަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ރިއަލް މެޑްރިޑް އަދި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 0-3 އިން ރިއަލް ކާމިޔާބުކޮށް ފައިނަލުގެ އައްސޭރިއާއި ހަމައަށް ދިއުމަށް މަގު ކޮށާލައިފިއެވެ.

ރޮނާލްޑޯގެ ހެޓްރިކާއެކު ރިއަލްއަށް ފަސޭހަ މޮޅެއް ލިބިފައިވާއިރު ދެން އޮތީ އެތްލެޓިކޯ ދަނޑުގައި ކުޅޭ އަވޭ ލެގު މެޗެވެ. މިއީ ރޮނާލްޑޯ ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގައި ކުޅުނު ދެވަނަ މެޗުގައި ހެދި ހެޓްރިކެވެ. އޭނާ ވަނީ މިހާރު 3 މެޗުން 8 ގޯލު ޖަހާފައެވެ.

މެޗުގެ ފުރަތަމަ 10 މިނެޓު ތެރޭ ކަސެމީރޯ ހުރަސްކޮށްދިން ބޯޅަ ރޮނާލްޑޯ ގޯލުގެ ތެރެއަށް ފޮނުވާލާފައިވަނީ ބޮލުންނެވެ. ދެވަނަ ގޯލު ޖަހާފައިވަނީ 73 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ދަނޑުމަތީގައި ޖެހި މައްޗަށް އަރައިގެން ދިޔަ ބޯޅަ އޭނާ ވަނީ ހުށިޔާރުކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ރޮނާލްޑޯގެ ފަހު ގޯލު ޖަހާފައިވަނީ މެޗު ނިމެން ކުޑަ އިރުކޮޅަކަށް ވެފައިވަނިކޮށް 86 ވަނަ މިނެޓުގައެވެ. އެތްލެޓިކޯ މެޑްރިޑްއާއި ރެއަލް ޗެމްޕިއަންސް ލީގުގައި ބައްދަލުކޮށް ފަހުގެ ތާރީޚެއްގައި އެތްލެޓިކޯއަށް ކުރި ލިބޭ ގޮތެއް ވަނީ ނުވެފައެވެ.

ރޭގެ ހެޓްރިކާއެކު ރޮނާލްޑޯ ވަނީ މެސީއާ އެއްވަރަށް ޗެމްޕިއަންސް ލީގުގައި ހެޓްރިކް ހަދާފައެވެ. 7 ހެޓްރިކް ދެކުޅުންތެރިންވެސް ހަދާފައިވާއިރު ރޮނާލްޑޯ ވަނީ 13 ސެމީފައިނަލް ގޯލު ޗެމްޕިއަންސް ލީގުގައި ރެކޯޑުކޮށްފައެވެ. އަދި އޭނާގެ ޗެމްޕިއަންސް ލީގު ގޯލު އަދަދު ވަނީ 103 އަށް އަރާފައެވެ.