ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ލުމުގެ ކުރިން މި ސަރުކާރުން އައްޑޫ ސިޓީ ބިކަކޮށްފައި އޮތް ހާލަށް ބަލަން ޖެހޭ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ މުހައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.
ހިތަދޫ އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔަސްރިފް ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލްގެ ބާރުތައް ކަޑާލީ، މާލޭ ކުޑަކުޑަ ގޮޅިތަކުގައި ތިބި އައްޑޫ ރައްޔިތުން އެނބުރި އައިސް އައްޑޫ ތަރައްގީ ކޮށްފާނެ ކަމަށް ހީވެގެން އައްޑޫ ރައްޔިތުންނަށް ޖެއްސުން ކުރުމަށް ކަމަށެވެ.
"ޕީޕީއެމްގެ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލްގެ ބާރުތައް ކަޑާލީ، މާލޭ ކުޑަކުޑަ ގޮޅިތަކުގައި ތިބި އައްޑޫ ރައްޔިތުން އެނބުރި އައިސް އައްޑޫ ތަރައްގީ ކޮށްފާނެ ކަމަށް ހީވެގެން އައްޑޫ ރައްޔިތުންނަށް ޖެއްސުން ކުރުމަށް."
ޔަސްރިފް ވިދާޅުވި ގޮތުގައި ލޯކަލް ގަވާމެންޓް އޮތޯރިޓީ އަކީ ސެންޓްރަލް ގަވަމަންޓް އޮތޯރިޓީއަކަށް ބަދަލު ކުރުމަށް ފަހު އައްޑޫ ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ ސަރުކާރުން ކަނޑާލާފައިވާ ކަމަށެވެ. އެފަދައިން އަމަލު ކުރުމަށް ފަހު މިއަދު ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން ކައުންސިލަށް ކުރިމަތިލައިގެން ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށެވެ.
ކަރަންޓާއި ކާޑުގެ އަގަށް ގެނައި ބަދަލާއި އައްޑޫގެ ތަރައްގީގެ ހާލަތު ރަނގަޅު ކޮށް ނުދީގެން އުޅޭ ސަބަބު ވޯޓު ދިނުމުގެ ކުރިން އައްޑޫގެ ރައްޔިތުން ކޮންމެހެން ވެސް ބަލަން ޖެހޭ ކަމަށް ޔަސްރިފް ވިދާޅުވި އެވެ.
"ވޯޓު ދިނުމުގެ ކުރިން ބަލަންޖެހޭ ކަރަންޓު ޔުނިޓަކަށް ގެނައި ބަދަލު. ބަލަން ޖެހޭ ޕާސްޕޯޓުގެ އަގަށް ގެނައި ބަދަލު. ވޯޓު ދިނުމުގެ ކުރިން ބަލަން ޖެހޭ މުވައްޒަފުންނަށް ދެއްކި ބިރު. ވޯޓު ދިނުމުގެ ކުރިން ބަލަން ޖެހޭ އައްޑޫ ސިޓީ ބިކަކޮށްފައި އޮތް ހާލު" ޔަސްރިފް ވިދާޅުވި އެވެ.
މީގެ އިތުރުން އައްޑޫގައި ހޮސްޕިޓަލެއް އަޅަން ހަމަޖެހުނު ފައިސާއިން އެ ހޮސްޕިޓަލް ނާޅައި އީސީސީ ހަލާކު ކުރަމުން ގެންދާ މައްސަލަ ވެސް ވޯޓު ލުމުގެ ކުރިން ބަލަން ޖެހޭ ކަމަށް ޔަސްރިފް ވިދާޅުވިއެވެ.
"އައްޑޫ ސިޓީގެ ތަރައްގީއަށް އަޅުގަނޑުމެން ފުކެއް ވެސް ދޫނުކުރާނަން. މި އަޒުމެއް ނުގުޑާނެ. މި ފިކުރެއް ބަދަލެއް ނުވާނެ. މިއީ ނިވިކޭ ބަދަލު ނިވޭ ފިކުރު."
ޔަސްރިފް ވިދާޅުވި ގޮތުގައި އެމްޑީޕީގެ 7 ކެންޑިޑޭޓުން އައްޑޫ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭނެ ކަމަށާއި އައްޑޫ ތަރައްގީ ކުރަން ފިސާރި ކެރިގެން ކަމަށެވެ.