Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

މަކަރާއި ހީލަތް ހެދި ޕީޕީއެމްގެ ކެންޑިޑޭޓަކު ޖަލަށް

ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ޝަރީއަތަށް ސާބިތުވެގެން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށް ފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ، ކ.ގުޅީ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކ. ގުޅީ ސިޔާނާ މަންޒިލް، އަހުމަދު ޝަބީން އެވެ.

އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ އަށް ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އަދި އެ ހުކުމް ތަންފީޒުކުރަން ފަށާފައިވާ ކަމެއް ނުވަތަ ނޫންކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ކްރިމިނަލް ކޯޓުން ޝަބީންގެ މައްޗަށް ކުރި ހުކުމްގައި ބުނެފައި ވަނީ ޓެރަފާމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުން ދެ ޗެކެއް ދޫކޮށްފައިވާ ކަމަށެވެ.

އެ ދެ ޗެކަށް ފައިސާ ނެގުމަށްޓަކަައި އެ ދެ ޗެކް ބޭންކަށް ހުށަހެޅުމުން އެކައުންޓުގައި ފައިސާ ނެތުމުން ޗެކްގައިވާ އަދަދަށް ފައިސާ ދެވެން ނެތް ކަމަށް ޗެކް ހުށަހެޅި ފަރާތަށް ބޭންކުން އަންގާފައިވާ ކަމަށް އެ ހުކުމްގައިވެއެވެ.

ޗެކްތަކުގައިވާ އަދަދަށް ހަތް ދުވަހުގެ ތެރޭގައި ފައިސާ ދިނުމަށް ލިޔުމުން ޝަބީނަށް އެންގުމުން ވެސް އެ ޗެކްގައިވާ އަދަދަށް ފައިސާ ދީފައިނުވާ ކަމަށް ތަހުގީގު މަރުހަލާގައި އަދި ޝަރީއަތުގެ މަޖިލީހުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.