Last Updated: June 24, 06:35
Wednesday, June 24, 2026
ރިޕޯޓް

އައްޑޫ ސިޓީ ކައުންސިލް: 7 ގޮނޑި އަށް 19 ކެންޑިޑޭޓުން

އަންނަ ހޮނިހިރު ދުވަހު ބާއްބާ ލޯކަލް ކައުންސިލް އިންތިހާބްގައި މިފަހަރު އައްޑޫ ސިޓީ ކައުންސިލަށް އެއް ގޮޑި އިތުރުވެފައިވާ އިރު ކައުންސިލްގެ ފޯރި މިވަނީ ގަދަވެފަ އެވެ.

ތިން ފަހަރެއްގެ މަތިން ކައުންސިލް އިންތުހާބް ފަސްކުރުމާއި ގުޅިގެން ކެމްޕެއިން ފޯރި އޮތީ ވަރަށް ކުޑަވެފައެވެ. ނަމަވެސް އިންތިހާބްގެ ވަގުތު ކުޑަތަންވަމުން އަންނަ އިރު ކައުންސިލް އިންތިހާބުގެ ކެމްޕެއިން މިވަނީ މެކުހަށް ޖަހައިފަ އެވެ.

2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތުހާބްގައި އައްޑޫން 17 ކެންޑިޑޭޓަކު ކުރިމަތިލިއިރު މިފަހަރުގެ އިންތިހާބްގައި މިވަނީ 19 ފަރާތަކުން ކުރިމަތިލާފައެވެ. އިދިކޮޅު އެމްޑީޕީން 7 ދާއިރާއަށް ކުރިމަތިލާފައިވާ އިރު ވެރިކަން ކުރާ ޕީޕީއެމްއިންވެސް ވަނީ 7 ދާއިރާއަށް ކެންޑިޑޭޓުން ނެރެފައެވެ.

ފޭދޫ، މީދޫ އަދި ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ކެންޑިޑޭޓުން ކުރިމަތިލާފައިވާ އިރު ހިތަދޫ ދެކުނު ގޮޑިއަށް އަމިއްލަ ދެ ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލި އަބްދުﷲ ސައީދު ވަނީ ޕީޕީއެމް ކެންޑިޑޭޓް އަަލީ ހަނީޒުއަށް ތާއިދު ކުރަން ނިންމާފައެވެ.

ކެމްޕެއިން ފޯރި ގަދަވެފައިވާ އިރު ވެރިކަން ކުރާ ޕާޓީގެ ކެމްޕެއިން ފޯރި އެންމެ ގަދައީ ހުޅުދޫ އާއި، ފޭދޫގެ އިތުރުން ހިތަދޫ އިތުރު ދާއިރާގައެވެ. މީދޫ ދާއިރާގައި ސަރުކާރު ކެންޑިޑޭޓުގެ އެއްވެސް ކުލަވަރެއް ފެނިގެން ނުދާއިރު، އެކެންޑިޑޭޓަށް ޕީޕީއެމް މެމްބަރުންގެ ވެސް މަ ބޮޑު ތަރްހީބެއް އޮތް ތަނެއް ނުފެނެއެވެ.

ހުޅުދު ދާއިރާގެ ކެމްޕެއިންގައި ސަރުކާރު ކެންޑިޑޭޓަށް ވޯޓު ހޯދައިދިނުމުގައި އެދާއިރާގެ މަޖްލިސް މެމްބަރ މުހައްމަދު ޝާހިދު (ޝާޑް) އާއި ވަޒީރުން ފެންވަރުގައި ދަނީ މަސައްކަތް ކުރަމުންނެވެ. ހުޅުދޫ ދާއިރާއަށް އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓާއި ވާދަވެރިކޮށް ހުޅުދޫގައި ކެމްޕެއިން ހަރަކާތް ކުރިއަށް އެބަދެއެވެ.

އަނެއް ކޮޅުން ފޭދޫ ދާއިރާގެ ކެންޑިޑޭޓުގެ ފަަހަތުގައިވެސް ހުންނެވީ އެދައިރާގެ މަޖްލިސް މެމްބަރެވެ. ގިނަ ހަރަކާތުގައި ފޭދޫ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީ ބައިވެރިވެ ވަޑައިގަންނަވައެވެ.

މަރަދޫ، ހިތަދޫ ދެކުނު ދާއިރާ އަދި މެދު ދާއިރާ އާއި އުތުރު ދާއިރާގެ ތެރެއިން ސަރުކާރު ކެންޑިޑޭޓުގެ ހަރަކާތް އެންމެ ގަދައީ ހިތަދޫ އުތުރު ދާއިރާގައެވެ. އެދާއިރާއަށް އެމްޑީޕީން ވާދަ ކުރަނީ މިހާރު ވެސް އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ އުުތުރު ދާއިރާ ތަމްސީލް ކުރައްވާ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ)އެވެ. ސޯބެ އާއި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓަކީ ސިޔާސީ މައިދާނުން މީގެ ކުރިން ފެނިފައި ނުވާ ކެންޑިޑޭޓެކެވެ. އެހެންވެ ތަޖްރިބަ މަދުކަން ކެމްޕެއިން ހަރަކާތްތަކުން ފެނެއެވެ.

ހިތަދޫ ދެކުނު ދާއިރާއަށް ސަރުކާރުގެ ފަރާތުން ކުރިމަތިލާފައިވާ ހަސަން ނައީމްއަށް ޕާޓީން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭކަމުގެ ޝަކުވާވަނީ ކޮށްފައެވެ. އެޝަކުވާތަކާއި ގުޅިގެންވެސް ހަސަން ނައީމުގެ ކެމްޕެއިން ހަރަކާތުގައި ޕީޕީއެމްއިން ހަރަކާތްތެރިވާ ތަނެއް ނުފެނެއެވެ. ހަސަންއަށް ވުރެ އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުންގެ ކުލަ މާ ގަދައެވެ. އަނެއްކޮޅުން އެދާއިރާ މިހާރުވެސް ތަމްސީލް ކުރައްވާ މުހައްމަދު ޔަސްރިފްގެ ޓީމުން ވަގުތު ނަގާނުލައި ވަރަށް ތަރްތީބުން ގެންދަނީ ކެމްޕެއިން ކުރަމުންނެވެ.


ހިތަދޫ މެދު ދާއިރާއަށް ބަލާއިރު އެދާއިރާގެ ޕީޕީއެމް ކެންޑިޑޭޓުގެ ފަހަތުގައި ޕީޕީއެމްގެ އެކްޓިވިސްޓުން ދަނީ ހަރަކާތްތެރިވަމުންނެވެ. އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާއިރު ކެމްޕެއިން ފޯރި މެދު ދާއިރާއިން ފެންނަން ޖެހޭ މިންވަރަށް އަދިވެސް ނުފެނެއެވެ. އެމްޑީޕީ ކެންޑިޑޭޓުގެ ފަރާތުންވެސް އެމަންޒަރެއް އެގޮތަކަށް ނުފެއެއެވެ. ނަމަވެސް އެމްޑީޕީން ފާއިތުވި ދެ ރޭ ބޭއްވި ދެ ޖަލްސާގައި އެޕާޓީގެ ކެންޑީޑެޓުންގެ ބައިވެރިވުން ބޮޑުކޮށްފައިވެއެވެ.

ކައުންސިލް އިންތުހާބްގެ ގަދަ ހިފުމަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރު މިފަހަރުގެ ގޮޑިތައް ވެސް ކާމިޔާބް ކުރާނެކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ބުނެފައެވެ.

ޕީޕީއެމްގެ ފަރާތުން ވާހަކަ ދައްކަވާ ބޭބޭފުޅުން ވިދާޅުވަމުން ގެންދަވަނީ "ތަރައްޤީއަށް ޖާގަ" ދިނުމަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށެވެ.