ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ފޯނު ތަޅުލާފައި އޮތުމުން އެއްވެސް މައުލޫމާތެއް ނުލިބުނު ކަމަށް ކޯޓުގައި ހެކިބަސް ދިން ފުލުހަކު ބުނެފިއެވެ.
ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒު ކުރަމުންދާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ދައުވާގެ މިއަދުގެ އަޑު އެހުމުގައި ކޯޓުގައި ހެކިބަސްދެމުން މޮބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ސްޓާފް ސާޖަންޓް އިސްމާއިލް ޝަރީފް ވިދާޅުވީ ފޯނު އޮތީ ލޮކް ކޮށްފައި ކަމަށާއި ކޯޑު ނުލިބުމުން އެއިން ޑޭޓާއެއް ނެގިފައިނުވާ ކަމަށެވެ.
އިތުރަށް ޝަރީފް ވިދާޅުވެފައިވަނީ ފޯނުން މައުލޫމާތު ނަގަން މަސައްކަތް ކޮށްފައިވަނީ ޚާއްސަ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ކަމަށާއި އެއިން ފޯނުގައިވާ އެއްވެސް ޑޭޓާއަކަށް އުނިއިތުރެއް ނުގެނެވޭނެ ކަމަށެވެ.
ރިޔާޒުގެ ޝަރީއަތުގެ އިތުރު އަޑުއެހުމެއް އަންނަ ހަފްތާގެ އާދީއްތަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. މިއަޑުއެހުމުގައި ދިފާއުގައި ހުށައެޅުނު ކިތާބީ ހެއްކާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދޭނެއެވެ.