1. ގުޑް މޯނިން އަދި ގުޑްނައިޓް މެސެޖު ފޮނުވުން

ލޯބިވެރިޔާގެ މެސެޖަކުން ދުވަސް ފެށި އަދި ދުވަސް ނިމުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ. މި ބުނަނީ މާ ދިގު ވާހަކަތަކެއް ލިޔެފައި ހުންނަ މެސެޖުތަކުގެ ވާހަކަ އެއް ނޫނެވެ.
ލޯބިވެރިޔާ ހެނދުނު ހޭލާ އިރު ބާއްޖަވެރި ދުވަހަކަށް އެދި މެސެޖެއްކޮށްލުމާއި، ނިދަން ދިއުމުގެ ކުރިން ބާއްޖަވެރި ރެއަކަށް އެދި މެސެޖެއް ކޮށްލުމަކީ ލޯބިވެރިޔާގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭނެ ކަމެއްކަން ޔަޤީނެވެ.
2. ދައްކާ ވާހަކަތައް ކަނުލާ އަޑުއެހުން

ލޯބިވެރިޔާ އަށް ދިމާވާ މައްސަލަތަކަށް ސަމާލުކަން ދީ، ޙައްލު ހޯދައި ދިނުމަކީ އަބަދުވެސް ވަރަށް މުހިންމު ކަމެކެވެ. ބައެއް ދުވަސްވަހު، ލޯބިވެރިޔާގެ ދުވަސް ދިޔަ ގޮތުގެ ފުރިހަމަ ތަފްސީލްތައް އަޑުއަހަން ޖެހޭނެއެވެ.
ކޮންމެހެން އެއްޗެކޭ ބުނެ ޖަވާބު ދިނުމަކީ އެފަދަ ދުވަސްތަކުގައި މުހިންމު ކަމެއް ނޫނެވެ.
ލޯބިވެރިޔާ ދައްކާ ވާހަކަ ކަނުލާ އަޑުއެހުމަކީ އެންމެ ރަނގަޅު ގޮތެވެ. އެއީ ވަރަށް ކެތްތެރިވެގެން ކުރެވޭނެ ކަމެކެވެ. އެހެންނަމަވެސް، އެއްޗެކޭ ބުނުމުގެ ބަދަލުގައި ކަނުލާ އަޑުއެހުމަކީ މާ ރަނގަޅު ކަމެކެވެ.
އަބަދުވެސް ލޯބިވެރިޔާ ދެރަވާ ވަގުތާއި ރުޅި އަންނަ ވަގުތުތަކުގައި އޭނާގެ ވާހަކަ އަޑުއެހުމުން، ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެއެވެ.
3. އެކީގައި ދަތުރުކުން

ދެމީހުން އެކީގައި ދަތުރު ކުރުމަކީ އެކަކު އަނެކަކު ރަނގަޅަށް ދަސްވުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެއީ ދެމީހުންވެސް އެކިއެކި ޙާލަތްތަކާއި ކުރިމަތި ކުރުވާ ކަމެކެވެ. އަދި އެފަދަ ޙާލަތްތަކުގައި އެކަކު އަނެކަކާއިމެދު ޢަމަލު ކުރާ ގޮތުގެ އިމްތިހާނެކެވެ.
މީގެ އިތުރުން ދަތުރު ކުރުމަކީ އެކީގައި ކޮލިޓީ ވަގުތު ހޭދަކޮށް، އާ ތަންތަން ހޯދާ ބަލާ، މުސްތަޤްބަލުގައި ހަނދާން ކުރާނެ ފޮނި ހަނދާންތަކެއް ލިއްބައިދޭނެ ކަމެކެވެ.
4. ލޯބިވެރިޔާ އަށް ތަޢުރީފް ކުރުން

ރަނގަޅު ވަގުތެއް ބަލާފައި ވާހަކަ ދެއްކުމަކީ ލޯބިވެރިޔާ ވަރަށް އުފާވާނެ ކަމެކެވެ. އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަބަދުވެސް ލޯބިވެރިޔާ ގާތު ލޯބިވާ ވާހަކަ ބުނެ، އޭނާގެ ސަބަބުން ތިމާގެ ދިރިއުޅުން އުޖާލާވާ މިންވަރު ބަޔާންކޮށް ދިނުމެވެ.
މިއީ އެއްވެސް ގެއްލުމެއް ލިބޭ ނުވަތަ ފައިސާ ޚަރަދު ވާ ކަމެއްވެސް ނޫނެވެ. އެހެންނަމަވެސް މިއީ ހަމަ ޔަޤީނުންވެސް ލޯބިވެރިޔާ އަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ.
ދެވަނަ ކަމަކަށް، އަބަދުވެސް ލޯބިވެރިޔާ އަށް ތަޢުރީފް ކުރާށެވެ. ބޮލުތެރޭގައި ނުބަހައްޓައި އެވާހަކަތައް ލޯބިވެރިޔާ ގާތު ބުނާށެވެ. ތިމާ ގަޔާވާ ކަމެއް ލޯބިވެރިޔާގެ ކިބައިން ފެނިއްޖެނަމަ، ލަސްނުކޮށް ހަމަ އެވަގުތު އެކަމަކަށް ތަޢުރީފް ކުރާށެވެ.
އެއީ ލޯބިވެރިޔާގެ މުޅި ދުވަސް އުޖާލާ ކޮށްލާނެ ކަމަކަށްވެސް ވެދާނެ އެވެ.
5. ވާނުވާ ބެލުން

މިޒަމާނުގައި އެންމެންނަކީ ވެސް ވަރަށް ބިޒީކޮށް، ވަރަށް ބުރަކޮށް މަސައްކަތުގައި އުޅޭ މީހުންނެވެ. އެހެންކަމުން ކޮންމެ ތިން ގަޑިއިރުން އެއްފަހަރު ވެސް ލޯބިވެރިޔާ އަށް ފޯނެއް ކޮށްލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.
އެހެން ނަމަވެސް، ފޯން ނުކުރެވުނު ނަމަވެސް، މެސެޖެއް ކޮށްލުމަށް އެއް މިނެޓް ވެސް ނުދާނެ އެވެ.
އެހެންކަމުން އަބަދުވެސް ދުވަހުގެ އެކި ވަގުތުތަކުގައި ލޯބިވެރިޔާ މަތިން ހަނދާން ވާކަން އަންގައިދިނުމަށާއި، ލޯބިވެރިޔާ އާއިމެދު ކަންބޮޑުވާކަން އަންގައިދިނުމަށްޓަކައި މެސެޖު ކުރާށެވެ.
އެއިރުން އަބަދުވެސް ލޯބިވެރިޔާ މަތިން ތިމާ ހަނދާން ވާކަމާއި، ލޯބިވެރިޔާ އަކީ ތިމާއަށް މުހިންމު މީހެއްކަން ލޯބިވެރިޔާ އަށް އެނގޭނެ އެވެ.