އަންނަ ހޮނިހިރު ދުވަހު ބާއްވާ ތިން ވަނަ ލޯކަލް ކައުންސިލް އިންތިހާބްގައި މި ފަހަރު އައްޑޫން ވޯޓް ލުމުގެ ހައްގު 23،012 މީހަކަށް ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އައްޑޫގެ 7 ދާއިރާ އަށް 19 ކެންޑިޑޭޓުން ވާދަ ކުރާ އިރު، ވޯޓް ލުމަށްޓަކައި އައްޑޫގައި 31 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.
އިލެކްޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ފަހުން 2014 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބްގައި އައްޑޫން ވޯޓްލި މީހުންނަށް ވުރެ މިފަހަރު ވޯޓުލުމަށް ޝަތުޠު ހަމަވާ މީހުން ގިނަ އެވެ.
2014 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބްގައި އައްޑޫން ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 22،908 މީހަކަށެވެ. މި އަދަދަށް ބަލާ އިރު މި ފަހަރު 104 މީހުން ލިސްޓަށް އިތުރުވެފައިވާކަން ފާހަގަކޮށްލެވެ އެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބްގެ ކެމްޕެއިން ފޯރި ވަރަށް ކުޑައެވެ. އެހެންވެ ވޯޓުލާން ނިކުންނާނެ މީހުން މަދުވާނެކަމަށް ބައެއް ފަރާތްތަކުން ގަބޫލް ކުރެއެވެ.
އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބްގައި ވޯޓުލިބުމުގެ ހައްގު 22،908 މީހަކަށް ލިބުނު ނަމަވެސް ވޯޓުލާން ނިކުމެފައިވަނީ ދެބައިކުޅަ އެއްބައި މީހުންނެވެ. އެފަހަރުގެ ވޯޓުލާން ނިކުމެފައިވަނީ 11،090 މީހުންނެވެ.
އެންމެ ފަހުގެ ލޯކަލް ކައުންސިލް އިންތިހާބްގައި އެންމެ ގިނައިން ވޯޓް ދީފައި ވަނީ ހުޅުމީދޫ ދާއިރާއަށެވެ. އެ ދާއިރާގެ ވޯޓް ލިބުމުގެ ހައްގުލިބިގެންވާ 4،687 މީހުން ތިބި އިރު 2،154 މީހުން ވަނީ ވޯޓް ދީފަ އެވެ.
ނަމަވެސް މިފަހަރު ހުޅުމީދޫ ދާއިރާ އަށް މި ވަނީ ދެ ގޮނޑި ލިބިފައެވެ. ހުޅުދޫ ދާއިރާ ވަކިން އޮތް އިރު މީދޫ ދާއިރާ މިވަނީ މަރަދޫފޭދުއާ އެއްކޮށްލައިފަ އެވެ.
ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް ދާއިރާތަކަށް ތަރްތީބު ކުރި އިރު މި ފަހަރު އެންމެ ގިނަ މީހުން ތިބީ ފޭދޫ ދާްއިރާގަ އެވެ.
އެ ދާއިރާ އަށް ވޯޓް ލުމުގެ ހައްގު 3،763 މީހަކަށް ލިބިގެންވެ އެވެ. އެންމެ މަދުން ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ މަަރަދޫ ދާއިރާއަށެވެ. އެ ދާއިރާ އަށް ވޯޓުލާން ޖެހެނީ 2،450 މީހުންނެވެ.
މިދިޔަ ކައުންސިލް އިންތިހާބްގައި ވޯޓުލާފައިވާ ގޮތަށް ބަލާ އިރު ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ވޯޓްލާފައި ވަނީ ފޭދޫ އާއި ހިތަދޫ އުތުރު ދާއިރާއަށެވެ.
މި ދެ ދާއިރާ އަށް ބަލާ އިރު ފޭދޫގައި ތިބި ވޯޓް ލުމުގެ ހައްގު ލިބިގެންވާ 3،799 މީހުންގެ ތެރެއިން 1،994 މީހަކު ވަނީ ވޯޓް ލައިފަ އެވެ. އެއީ ވޯޓްލާން ޖެހޭ އާބާދީގެ 52.49 އިން ސައްތަ މީހުންނެވެ.
ހިތަދޫ އުތުރު ދާއިރާގައި ތިބި 3،599 މީހުންގެ ތެރެއިން 1،840 މީހަކު ވަނީ ވޯޓުލާފައެވެ. އެއީ ވޯޓް ލާންޖެހޭ އާބާދީގެ 51.13 އިން ސައްތަ އެވެ.
އެންމެ ގިނަ އަދަދަކަށް މީހުން ވޯޓްލާން ނިކުތް ހުޅުމީދޫގެ ވޯޓް ދިން އާބާދީގެ ނިސްބަތަކީ 45.96 އިން ސައްތަ އެވެ. ވަކިވަކި ދާއިރާތަކަށް ބަލާަ އިރު މަރަދޫ ދާއިރާގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 3690 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ވޯޓް ލާފައިވަނީ 1709 މީހެކެވެ. އެއީ ނިސްބަތުން ބަލާނަމަ 46.3 އިން ސައްތައެވެ.
ހިތަދޫ މެދު ދާއިރާއަށް ބަލާަ އިރު އެ ދާއިރާގައި ތިބީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ 3،565 މީހުންނެވެ.
ވޯޓް ލާފައި ވަނީ އޭގެ ތެރެއިން 1،667 މީހެކެވެ. އެއީ ނިސްބަތުން ބަލާ ނަމަ 46.76 އިން ސައްތަ އެވެ.
ހިތަދޫ ދެކުނު ދާއިރާގައި ތިބީ ވޯޓުލުމުގެ ހައްގުލިބޭ 3،568 މީހެކެވެ. ހޮނިހިރު ދުވަހުގެ ވޯޓުގައި ބައިވެރިވެފައި ވަނީ އޭގެ ތެރެއިން 1،726 މީހެކެވެ. އެއީ ނިސްބަތުން ބަލާނަމަ 48.37 އިން ސައްތަ އެވެ.