Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ރިލްވާންގެ މަންމަގެ ރުއިމަކީ، އިންސާފު ނެތް ކަމުގެ ހެއްކެއް: ނިޒާރު

ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާންގެ މަންމަގެ ރުއިމަކީ، ރާއްޖޭގައި އިންސާފު ނެތް ކަމުގެ ހެއްކެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިޒާރު މިހެން ވިދާޅުވެފައި ވަނީ، އަންގާރަ ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން އަށް ވީ ނުވީއެއް ނޭގި ގެއްލުނުތާ މިއަދަށް 1000 ދުވަސް ވާނެއެެވެ. އެހެން ނަމަވެސް ރިޟްވާނަށް ވީ ކިހިނެއް ކަން ހޯދުމަށް ދައުލަތުގެ މުއައްސަސާތައް ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ރިޟްވާންގެ މައްސަލައިގައި އެނގޭ ހަމައެކަނި އެނގޭ ކަމަކީ ބަޔަކު ވަގަށް ނަގާފައިވާކަން ކަމަށާއި އަދި މިހާތަނަށް ފެނިފައި ނެތުމުން މަރާލާފައިވާ ކަމަށް ރައްޔިތުންނަށް ޝައްކުކުރެވޭ ކަމަށެވެ.

"ކޮބައިތޯ ލިބުނު އިންސާފަކީ. ހަމަ އެކަނި ރޮމުން މާލޭގައި ދެކޮޅަށް އެދުވާ މަންމަ އާއި މުސްކުޅި ބައްޕައަށް ލިބުނު ހެޔޮ އެންމެ ކުޑަމިނުން ލިބުނު މެސެޖެއް ވެސް ނެތް. އެ މަންމައާއި ބައްޕަ މާލޭގައި އެއްވެސް އެއްވުމެއް ކޮންމެ އެއްވުމެއް ބޭއްވުނަސް ރޮމުން އެ މަންމަގެ ރޯ ރުއިން އަޅުގަނޑުމެންނަށް ހަމަ އެކަނި ހެއްކަކަށް ފުދޭ މިރާއްޖޭގައި އިންސާފު ނެތްކަމަށް. "

ރައީސް ޔާމިންއާއި އެކީ ގައުމަށް ބަނަ ދުވަސްތަކެއް އައިސްފައިވާ ކަމަށާއި އަޅާ ބްރިޖަކުން ރައްޔިތުންނަށް އިންސާފެއް ނުލިބޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުން އަމަލުކުރަމުންދާ ގޮތަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.