Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ކަރަންޓް ބިލް ނުބަހައި މަޑު ކުރަނީ ބިލް ދިރާސާ ކުރާތީ: ފެނަކަ

އައްޑޫ ސިޓީގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ ރީޖަނަލް އޮފީސް. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

މިދިޔަ މަހުގެ ކަރަންޓް ބިލް އައްޑޫގެ ބައެއް ގެތަކަށް ނުބަހައި ލަސް މަޑުކުރަނީ، ބިލްތައް ދިރާސާ ކުރަމުންދާތީ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ އައްޑޫ އިސް ބޭފުޅަކު ވިދާޅުވީ މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާ ބައެއް ގެތަކަށް ކަރަންޓް ބިލް ހަވާލު ކުރި ފަހުން ލިބިފައިވާކަމަށެވެ. އެހެންވެ ބާކީ ހުރި ބިލްތައް ނުބަހައި މަޑު ކުރަނީ ބިލްތައް ދިރާސާ ކުރުމަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ މަހުގެ ކަރަންޓް ބިލް އާދަަޔާ ހިލާފަށް ބޮޑުވުމުގެ ޝަކުވާ އާއްމުން ދަނީ ކުރަމުންނެވެ. އަދި ބިލް ނުލިބުމުގެ ޝަކުވާވެސް އާއްމުން ދަނީ ކުރަމުންނެވެ.

ފެނަކަ ކޯޕަރޭޝަންގެ އެހެން އޮފިޝަލަކު ވިދާޅުވީ ކޮންމެ އަހަރެއްގެވެސް މާޗް، އެޕްރިލް އަދި މޭއި މަހުގެ ކަރަންޓް ބިލް އެހެން މަސްތަކަށް ވުރެ ބޮޑުކަމަށެވެ. އަދި އެގޮތަށް މި ތިން މަހު ބިލް ބޮޑުވަނީ މި ތިން މަހަކީ އަހަރުގެ އެންމެ ހޫނު ގަދަ ތިން މަސްކަމަށް ވެފައި ކަރަންޓް ބޭނުން ކުރާ ނިސްބަތް މަތިކަމުންކަމަށެވެ.

ކަރަންޓް ބިލް ނުލިބޭތީ އާއްމުން ޝަކުވާ ކުރަމުން އަންނަ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ކަރަންޓް ބިލް ގޭގެއަށް ނުފޮނުވައިގެން އުޅެނީ ބިލް ބޮޑުވެފައި އޮތުމާއި، އަދި ކައުންސިލް އިންތިހާބް ހޮނިހިރު ދުވަހު އޮތުމުން އެކަމުގެ ސަބަބުން ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެދާނެތީ ކަމަށެވެ.

އައްޑޫގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ އިރު އިންޖީނުތަކަށް މައްސަލަ ދިމާވެ ދޭތެރެ ދޭތެރެއިން ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނދުންވެސް މިވަނީ އާއްމުކަމަކަށް ވެފައެވެ.

ފެނަކައިން ބުނީ ރޯދައިގެ ކުރިން ކަރަންޓް މައްސަލައަށް ހައްލެއް ހޯދުމަށް މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.