ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން އައްޑޫގެ މިސްކިތްތަކުގައި މަސައްކަތް ކުރާނެ މީހުން ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
ކައުންސިލްގެ ބިޒްނަސް ޑިޕާޓްމަންޓުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ "މިސްކިތްތަކުގެ އިމާމުންނާއި މުދިމުން އަދި މަަަސައްކަތު މީހުންގެ މަސައްކަތު ވަގުތާއި ހާޒިރީ ބެލެހެއްްޓުމާއި ގަޑި ލާރި ކެނޑުމާއި ބަދަލުގައި މީހުން ހަމަޖެއްސުމުގެ ގަވައިދު" ގެ 19 ވަނަ މާއްދާގެ ދަށުން މިސްކިތްތަކުގެ އިމާމުންނާއި މުދިމުން ޗުއްޓީ ނެގުމުން ނުވަތަ މަސައްކަތަށް ހާޒިރު ނުވުމުން އެ މަސައްކަތް ކުރާނެ އެހެން މުވައްޒަފުން ނެތް ހާލަތްތަކުގައި އެ މުވައްޒަފެއްގެ ބަދަލުގައި ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގެ ދަށުން މީހުން ހޯދަން ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.
ކައުންސިލުން ބުނީ ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މަސައްކަތަށް މީހުން ހޮވުމުގައި އިއުލާންކޮށްގެން މީހަކު ނެގުމުގެ ޕްރޮސެސްގައި ގިނަ ދުވަސްތަކެއް ހޭދަވެގެން ދާތީ އާއި ގަވަައިދަށް އަމަލު ކުރުމުގައި ދަތިތަކެއް ހުރި ކަމަށް ފާހަގަ ކުރެވޭތީ، މިކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް ގާބިލް ފަރާތްތައް ހޮވައި، އެ ފަރާތްތަކާ އެކު އެއްބަސްވުމެއް އެކުލަވާލާފައި އޮތުމަކީ މަސައްކަތަށް ވަރަށް ބޮޑަށް ފަސޭހަ ކަމެއް ކަމަށް ވާނެތީ ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މީހުން ހޯދަން ބޭނުންވާ ކަމަށެވެ.
ކައުންސިލްގެ ބިޒްނަސް ޑިޕާޓްމަންޓްގެ ޑެެޕިއުޓީ ޑިރެކްޓަރު ހަސަން ލަތީފް އަލީ ސޮއި ކުރައްވައި ނެރުއްވި އިއުލާނުގައި ބުނެފައި ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާޗް މަހުގެ 7 ގައި ސިޓީ ފޮނުވާ އިރު ލިބިފައިވާ ސެޓްފިކެޓްތަކާއި މުއްދަތު ހަމަ ނުވާ އައިޑީ ކާޑްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެ ކަމަށެެވެ