ބަޖެޓުގެ ދަތިތަކާ އެކު ވެސް ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަން ހުރި މަސައްކަތްތައް އެންމެ ފުރިހަމަ އަށް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ހއ. ދިއްދު އާއި ހދ. ހަނިމާދު އާއި ދ. ކުޑަހުވަދު އާއި ތ. ވިލުފުއްޓާއި ގއ. ވިލިނގިލި އަދި ގދ. ތިނަދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ބަނޑޮސް އައިލެންޑް ރިޒޯޓްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަމުން، މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމުގެ ސަބަބުން ތަރައްޤީގެ ހުރިހާ މަޝްރޫޢެއް އެއް ފަހަރާ ކުރިއަށް ނުގެންދެވޭނެ ކަމުގައި ވިދާޅުވި އެވެ.
އަދި މަގު ހެދުމުގެ މަޝްރޫޢު މި ހިންގޭ 6 ރަށަށް ވަރަށް ބޮޑު ތަރައްޤީއެއް ލިބިގެން ދާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.
މި މަޝްރޫޢު ފެށުމުގެ ކުރިން ކުރަން ހުރި މަސައްކަތްތަކެއް އެބަހުރިކަން ފާހަގަ ކުރައްވައި، ހެޔޮގޮތުގައި ބިން ބޭނުން ކުރެވޭނެ ގޮތުގެ ޕްލޭނެއް އޮތުން ވަރަށް މުހިންމު ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ ރަށްރަށުގައި ކުރަން ޖެހިފައިވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ފުރިހަމަ ކުރަން ޖެހޭކަން ވެސް ރައީސް ބަޔާން ކުރެއްވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ހދ. ހަނިމާދުއާއި، ގދ. ތިނަދޫގައި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރަން ޖެހޭ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވާހަކަފުޅުގައި، މަގު ހެދުމުގެ މަސައްކަތް، މާ ލަސްތަކެއް ނުވެ އެ ރަށްރަށުގައި ފެށި، ބާރު މިނެއްގައި ކުރިއަށް ގޮސް މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
މިގޮތުން، ފަހަރަކު ރަށެއްގައި އެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ހުރިހާ ރަށެއްގައި އެއް ފަހަރާ މަސައްކަތް ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް މި މަޝްރޫޢު ރޭވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި މިކަމުގައި ހުރިހާ ކައުންސިލްތަކެއްގެ އެއްބާރުލުން ވެސް ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.