ރައީސް ޔާމީންގެ އަބުރަށް އަރައިގަތްކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އެއް މިލިއަން ރުފިޔާ މިއަދު ދައްކައިފިއެވެ.
މިއަދު އެއް މިލިއަން ރުފިޔާ ބްރޯޑްކޮމް އަށް ދައްކާފައިވާއިރު ރާއްޖެ ޓީވީ އިން ދަނީ މައްސަލަ އިސްތިއުނާފް ކުރުމަށް ތައްޔާރުވަމުންނެވެ. ރާއްޖެ ޓީވީގެ ސީއީއޯ ހުސެން ފިޔާޒް މޫސާ ވިދާޅުވެފައިވަނީ ފައިސާ ދައްކާފައިވަނީ ފައިސާ ނުދައްކައި މައްސަލަ އިސްތިއުނާފު ނުކުރެވޭނެތީ ކަމަށެވެ.
ރާއްޖެ ޓީވީ އިން ބުނެފައިވަނީ ބްރޯޑްކޮމް އިން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ބޭފުޅަކު ދެއްކެވި ވާހަކައެއް ޓީވީ އިން ގެނެސްދިނުމުން ކަމަށެވެ.
ދިވެހި ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް ޖާގައެއް ނެތް ކަމަށް ސިޔާސީ ފަރާތްތަކާއި ބޭރުގެ ފަރާތްތަކުން އަންނަނީ ފާޅުގައި ގޮވަމުންނެވެ. ރާއްޖެ ޓީވީ ވަނީ މީގެ ކުރިން 2 ލައްކަ ރުފިޔާއިންވެސް ޖޫރިމަނާ ކޮށްފައެވެ. ރައީސް ޔާމީންގެ އަބުރަށް އަރައިގަނެފައިވާ ކަމަށްބުނެ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ އެފައިސާ ދައްކައި ޚަލާސްކުރި ދުވަހުގައެވެ.