ޖުމްހުރީ ޕާޓީގެ ލީދަރ ގާސިމް އިބްރާހިމް ބަންދުގައި ބެހެއްޓުމަށް ކޯޓުން ދީފައިވާ މުއްދަތު މާދަމާއަށް ހަމަވާތީ، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ބާއްވާ ޝަރީއަތް މާދަމާ ހަވީރު ބާއްވަން ނިންމައިފިއެވެ.
ގާސިމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބާއްވާ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ މާދަމާ ހަވީރު 4؛30ގައެވެ.
ގާސިމް ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ އެޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު މ.މާފަންނު ވިލާގައި ހުންނަވަނިކޮށެވެ.
ގާސިމް ބަންދުކުރުމަސް ކޯޓުން ދީފައިވާ 15 ދުވަހުގެ މުއްދަތު ހަމަވާނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ނަމަވެސް އެދުވަހަކީ ލޯކަލް ކައުންސިލް އިންތިހާބް ބާއްވާ ދުވަސްކަމަށްވާތީ ގާސިމްގެ ބަންދުގެ ޝަރީއަތް ވަނީ އަވަސްކޮށްފައެވެ.
ގާސިމް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ
"ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެންބަރުންގެ ސޮޔާއި އެކު ކަމަށް 10 އޭޕްރީލް 2017 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ގާސިމް އިބްރާހީމް މަޖިލީހުގެ އެކި މެންބަރުންނަށް އެކިގޮތްގޮތުން ނުފޫޒު ފޯރުވާ ގާނޫނާ ހިލާފަށް މަސައްކަތްތަކެއް ކުރަމުންދާ ކަން ތުހުމަތުކުރެވޭތީއާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށް ރައްޔިތުންގެ މެދުގައި ފިތުނައާއި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭތީއާއި ގާސިމް އިބްރާހީމް އިސްވެ ހުންނަވައިގެން ކ. މާލެ / މ. ކުނޫޒުގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެކަންކަމަށް ބާރު ލިބޭ ފަދަ މޭރުމަކުން ވާހަކަދައްކަމުންދާތީއާއި، މިކަންތައްތަކަކީ މިހާރު ތަހުގީގުކުރަމުންދާ ކަންތައްތަކެއް ކަމަށްވާތީ ގާސިމް އިބްރާހީމް މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މިކަންކަމާ ގުޅޭގޮތުން ލިބެންހުރި ހެކި ފޮރުވާ އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ އެހެކި ނައްތާލުމަށް ފުރުސަތު ތަނަވަސްވެގެންދާނެ ކަމެއް ކަމަށާއި އަދި ގާސިމް އިބްރާހީމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ފެންނާތީ"
ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފައެވެ. ނަމަވެސް ގާސިމް ވަނީ އެދައުވާތަކަށް އިންކާރުކޮށްފައެވެ.